އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ރައްޔިތުންގެ ކުރާ އިތުބާރު ދެމެހެއްޓުމަށް އެ ކޮމިޝަނުން މަސައްކަތް ކުރަން ޖެހޭ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ޝިޔާމް ވަނީ ޕީޕީއެމްގެ އާންމު މެމްބަރުން މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީއަށް ވަގަށް ގެންދާކަމަށް ތުހުމަތު ކުރައްވާފައެވެ.

ޝިޔާމް ވިދާޅުވީ ޕީޕީއެމަށް މެމްބަރުން ވެއްދުމަށްފަހުގައި، ދެވަނަ ދުވަހު ބަލާލާއިރު ޕާޓީގެ ދަފްތަރުގައި ނުތިބޭ ކަމަށެވެ.

އެ މެންބަރުން ތިބެނީ އެމްއެންޕީ ކަހަލަ ކުދި ޕާޓީތަކަށް ކަހާލާފައިކަމަށާއި، ބޮޑެތި ޕާޓީތަކުގެ މެމްބަރުން ވަގަށް ގެންގޮސްގެން ޕާޓީ ވުޖޫދުގައި ބޭއްވުމަކީ އެމްއެންޕީގެ ވަރަށް ބޮޑު އެޖެންޑާއެއް ކަމަށް ޝިޔާމް ތުހުމަތު ކުރެއްވިއެވެ.

ޕީޕީއެމްގެ މެމްބަރުން ވަގަށް އެމްއެންޕީއަށް ގެންދިއުމުގައި އިލެކްޝަންސް ކޮމިޝަންގެ ދައުރެއްވެސް ހިމެނޭކަމަށް ތުހުމަތު ކުރައްވާ ޝިޔާމް ވިދާޅުވީ، އީސީގެ ތެރެއިން އެކަންކުރަނީ ސީދާ ކާކުކަން ނޭންގޭ ކަމަށެވެ.