ރަސްމީ މަސައްކަތު ގަޑީގެ ގޮތުގައި ސްކޫލުތަކުގައި މިހާރު ކަނޑައަޅާފައިވަނީ ހަ ގަޑިއިރު ކަމަށާއި އިތުރަށް މަސައްކަތްކުރާނަމަ އޯވާޓައިމް ދޭގޮތަށް ހަމަޖެހިފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

Ads by Asuru

މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ނަމަވެސް ވަޒިފާއާ ބެހޭ ގާނޫނުގައި ރަސްމީ ގަޑީގެ ގޮތުގައި އަށް ގަޑިއިރު އޮންނަކަން ފާހަގަކުރައްވާ މިނިސްޓަރު އައިޝަތު ވިދާޅުވީ ރަސްމީ ގަޑީގެ ބޭރުން ކުރާ މަސައްކަތަށް އޯވާ ޓައިމް ދޭ ގޮތަށް ތައުލީމީ ދާއިރާގައި އުސޫލެއް އޮންނަ ކަމަށެވެ.

ސްކޫލެއް އެއްދަންފަޅިއަށް ބަދަލުކުރުމާއެކު ވަށާޖެހޭ ތައުލީމެއް ދިނުމަކީ މުހިއްމު ކަމެއްކަން ފާހަގަކުރައްވާ. މިނިސްޓަރު ވިދާޅުވީ ވަށާޖެހޭ ތައުލީމުގެ ކޮންސެޕްޓްގެ ދަށުން 44 ސްކޫލެއްގައި އެކަން ފަށައިގެން ކުރިއަށްދާ ކަމަށެވެ.

އެއްދަންފަޅިއަށް ކިޔަވާ ސްކޫލުތަކުގައި އެކަޑަމިކް މާއްދާތައް ކިޔެވުމަށްފަހު އިޖުތިމާއީ ހަރަކާތްތަކާއި ހުނަރު ދަސްކުރުމާއި ކްލަބް އެކްޓިވިޓީސް ފަދަ ކަންކަމުގައި ދަރިވަރުން ވަގުތު ހޭދަކުރަމުން ގެންދާނެ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.