އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ ”އިންޑިއާ އައުޓް“ ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަކީ ގާނޫނު އަސާސީއާ ހިލާފު ގަރާރެއް ކަމަށާއި، އެއްވެސް މުއައްސަސާ އަކުން އެ ގަރާރަށް އަމަލު ކުރަން ނުޖެހޭނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވެފައިވަނީ ”އިންޑިއާ އައުޓް“ ހަރަކާތުގައި އިސްކޮށް އުޅުއްވާ، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް އިއްޔެ ހައްޔަރު ކުރުމާ ގުޅިގެން ކުރެއްވި ޓްވީޓްތަކެއްގައެވެ.

ޝުޖާއު ވިދާޅުވީ ފުލުހުން ޕީޕީއެމްގެ އެކި ގުނަވަންތަކުގެ ބޭފުޅުން ހައްޔަރު ކުރަމުންދަނީ ސީދާ ގާނޫނާ ހިލާފަށް ކަމަށެވެ. ރައީސް ނެރުއްވި ގަރާރު ގާނޫނާ ހިލާފު ކަމަށާއި، އެ ގަރާރު ބާތިލު ކުރުމަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާކަން ފާހަގަކުރައްވައި އޭނާ އިތުރަށް ވިދާޅުވީ މި ގައުމުގައި މިހާރު ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެތް ކަމަށެވެ.

އޭނާ ވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޑިމޮކްރަސީގެ އަސާސްތައް ނެތި ގޮސްފައިވާ ކަމަށް ބުނެ ވާހަކަ ދެއްކި ގައުމުތަކާއި ޖަމުއިއްޔާތައް ކޮބައިތޯވެސް ސުވާލު ކުރައްވައިފައެވެ. އަދި އެގައުމުތަކާ ޖަމުއިއްޔާތައް ސަރުކާރުގެ ދަށުވީތޯވެސް އޭނާ އެއްސެވިއެވެ.

“ ހުރިހާ ގައުމެއްގައި ހިޔާލުފާޅުކުރެވޭ ގޮތައް މުއާހަދާތައް ހެދިފަ ހުރޭ. މި ގައުމުގެ ރައްޔިތުން ތިބެންވީ ހަނުތަ؟ ނޫން އެހެނެއް ނުވާނެ. ހިޔާލު ފާޅުކުރެވޭނެ.އިންޑިޔާ އަސްކަރިއްޔާ ބާލަން ގޮވޭނެ.“ ޝުޖާއު ކުރެއްވި އިތުރު ޓްވީޓެއްގައިވެއެވެ.

އިންޑިއާ އައުޓް ހަރަކާތާ ދެކޮޅަށް މިމަހުގެ 21 ވަނަ ދުވަހު ރައީސް ސޯލިހު ނެރުއްވި ގަރާރުގައި އެމަނިކުފާނު ވިދާޅުވީ އިންޑިއާއާ މެދު ނަފްރަތު އުފެއްދުމަށް ހިންގަމުން އަންނަ ”އިންޑިއާ އައުޓް“ ކެމްޕެއިނަކީ  ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއްކަން ސާފުކޮށް އެނގޭ ކަމަށެވެ.

އަދި އެ ހަރަކާތުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމާންކަމާއި ދާހިލީ ހަމަޖެހުން ނަގާލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ވެސް ގެއްލުވައިލާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސްގެ ގަރާރަކީ، ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް ހުރަސް އަޅާ ގަރާރެއް ކަމަށް ބުނެ، މި ގަރާރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވެެއެވެ.