ޕީއެސްއައިޕީ މަޝްރޫއުތަކަށް މިއަހަރު 4.6 ބިލިއަން ރުފިޔާ ހޭދަކުރައްވާފައިވާ ކަމަށް ރައީސް އޮފީހުގެ ސްޕޯކްސްޕަރސަން މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

Ads by Asuru

މިއުވާން މިހެން ވިދާޅުވީ، ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ، މިއަހަރުގެ އޮގަސްޓް މަސް ނިމުނުއިރު ޕީއެސްއައިޕީ މަޝްރޫއުތަކަށް ދައުލަތުގެ ބަޖެޓުން، 4.6 ބިލިޔަން ރުފިޔާ ހޭދަކުރެވިފައިވާ ކަމަށާއި، އެއީ ޕީއެސްއައިޕީ މަޝްރޫއުތަކަށް މިއަހަރު ކަނޑައެޅި ބަޖެޓުގެ 76 އިންސައްތަ ކަމަށެވެ.

މިއުވާން ވަނީ، އެކި ދާއިރާތަކުން ހިންގިފައިވާ ޕީއެސްއައިޕީ މަޝްރޫއުތަކާއި މިހާރު ހިނގަމުންދާ މަޝްރޫއުތަކާއި އަދި ބީލަން މަރުހަލާއާ ޕްލޭނިންގ މަރުހަލާގައި ހުރި މަޝްރޫޢުތަކުގެ ތަފާސް ހިސާބު މަޢުލޫމާތުތައް ނޫސްވެރިންނާ ހިއްސާ ކުރައްވާފައެވެ.

މިގޮތުން، ކަރަންޓާއި، ފެނާއި، ނަރުދަމާ އަދި ބަނދަރުހެދުމާ، ގޮނޑުދޮށް ހިމާޔަތްކުރުމާ، މަގުހެދުމާ، ބޯހިޔާވަހިކަމާއި ގުޅޭ މަޝްރޫއުތަކުގެ ތަފާސް ހިސާބު މަޢުލޫމާތުތައް މިޢްވާން ނޫސްވެރިންނާ ޙިއްޞާ ކުރެއްވިއެވެ.

މީގެ އިތުރުން މިއަދުގެ ޕްރެސް ކޮންފަރެންސްގައިވެސް ސްޕޯކްސްޕަރސަން މިޢްވާން މުޙައްމަދު ވަނީ، ފާއިތުވެ ދިޔަ ހަފްތާގެ މުހިއްމު ކަންކަމަށާއި އަދި ކުރިޔަށް އޮތް ހަފްތާއަށް ރޭވިފައިވާ މުހިއްމު ކަންކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.