ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށައިފިއެވެެ.

Ads by Asuru

އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ރޭ ބުނީ، ޖޭއެސްސީ އެކުލެވިގެންވާގޮތް މުރާޖައާކޮށް ދިވެހިރާއްޖޭގެ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށްޓަކައި އެކުލަވާލަންޖެހޭ ގާނޫނުތަކުގެ މަސައްކަތް އެ އޮފީހުން ފަށާފައިވާ ކަމަށެވެ.

ޖޭއެސްސީއަކީ ދެފުށް ފެންނަ، ސިޔާސީ ނުފޫޒުން މިނިވަންވެފައިވާ މުއައްސަސާއެއްކަން ކަށަވަރުކުރުމަށްޓަކައި، ކަމާގުޅޭ ބައިނަލްއަގުވާމީ ހަމަތަކާއި އުސޫލުތަކަށް ރިއާޔަތްކޮށް، އެ ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހުކުރުމަށްޓަކައި ގާނޫނުއަސާސީގެ 158 ވަނަ މާއްދާއަށް ގެންނަންޖެހޭ އިސްލާހުތައް އެކުލެވޭ ބިލު އެކުލަވާލައި، ހިނގަމުންމިދާ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ތެރޭގައި ހުށަހެޅުމަށް ވަނީ ގަސްތުކޮށްފައި ކަަމަށްވެސް ބުނެފައިވެއެވެ.

ޖޭއެސްސީގެ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ހުށަހަޅާ ބިލު އެކުލަވާލުމަށް ސުޕްރީމް ކޯޓު، ހައި ކޯޓު، ދަށު މަރުހަލާގެ ކޯޓުތައް އަދި ޖޭއެސްސީ އާއި އެނޫންވެސް ކަމާބެހޭ ފަރާތްތަކާ އެކު އަންނަ ހަފުތާގައި ބައްދަލުވުންތައް ބާއްވާނެ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

ބަންޑާރަނައިބުގެ އޮފީހުން މިހެން ބުނެފައިވާއިރު، ވެރިކަމުގެ އެންމެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޖޭއެސްސީ އިސްލާހު ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ.