އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ ތައުލީމީ އިންސްޓިޓިއުޓަކަށް ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާއެއްގައި 19 މީހުން މަރުވެއްޖެއެވެ.

Ads by Asuru

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ދާޝްތު ބަރްޗީ އަވަށުގައި ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި  ދިން މި ބޮމުގެ ހަމަލާގައި، އިތުރު 27 މީހުން ޒަޚަމްވެފައިވާ ކަމަށް އެގައުމުގެ ފުލުހުންގެ ތަރުޖަމާނު ޚާލިދު ޒަދްރާން ވަނީ ވިދާޅުވެފައެވެ.

”މި ތައުލީމީ މަރުކަޒަށް އަމިއްލައަށް މަރުވެގެން ބޮމުގެ ހަމަލާއެއް ދިން އިރު ދަރިވަރުން ތިބީ އިމްތިހާނަކަށް ތައްޔާރުވެގެން.  19 މީހުން މަރުވެ، 27 މީހުން ޒަޚަމްވެއްޖެ“ އޭނާ ވިދާޅުވިއެވެ.

އޮންލައިންކޮށް ޕޯސްޓްކޮށްފައިވާ ވީޑިއޯތަކާއި އެ ސަރަހައްދުގެ މީޑިއާތަކުން އާންމުކޮށްފައިވާ ފޮޓޯތަކުން ލޭ އޮހޮރުވާލި މީހުން އެތަނުން ދުރަށް ގެންދާ މަންޒަރު ފެނެއެވެ.

ޒަދްރާން ވިދާޅުވީ، ބޮން ގޮއްވާލި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހައި ސްކޫލް ގްރެޖުއޭޓުންވެސް ހިމެނޭ ކަމަށާއި، އޭގެ ތެރޭގައި އަންހެން ކުދިންނާއި ފިރިހެން ކުދިންވެސް ހިމެނޭ ކަމަށެވެ.

ބޮން ގޮއްވާލިީ ކާޖް އެޑިއުކޭޝަން ސެންޓަރުގައި ޕްރެކްޓިސް ޔުނިވާސިޓީ އެންޓްރަންސް އެގްޒާމް އެއް ހަދަން އުޅުނު ވަގުތުގައެވެ. އަފްޣާނިސްތާނުގައި އާންމު ގޮތެއްގައި ސްކޫލްތައް ބަންދުކުރަނީ ހުކުރު ދުވަހުއެވެ.