ގެއްލޭ މީހުން ހޯދުމަށް ކަމާބެހޭ އިދާރާތަކުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާތީ، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ކަންބޮޑުވުންފާޅު ކޮށްފިއެވެެ.

Ads by Asuru

އެމްއެންޕީން މިފަދައިން ކަންބޮޑުވުންފާޅު ކޮށްފައިވާއިރު، ހުޅުމާލެ ފޭސް ޓޫއިން ޒުވާނަކު ގެއްލިގެން ހޯދަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.

މުހައްމަދު އަޒުހާން ،27، ގެއްލިގެން ރިޕޯޓު ކޮށްފައިވަނީ މި މަހުގެ 20 ވަނަ ދުވަހުގެ ރޭ 19:00 ހާއިރުއެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އަޒުހާން ހުޅުމާލެ ފޭސް އެކެއްގައި ހުރި ގެސްޓްހައުސް އިން ކާރެއްގައި ހިޔާ ފްލެޓްގެ 13 ވަނަ ޓަވަރަށް ގޮސް، އެޓަވަރަށް އެރުމަށްފަހު ފަތިހު 4:53 ހާއިރު އެޓަވަރު ކައިރިން ހުދު ކުލައިގެ ޓެކްސީއަކަށް އަރައިގެން ފޭސް އެކެއްގައި އޭނާ ހުރި ގެސްޓްހައުސް ސަރަހައްދަށް އެނބުރި ގޮސްފައިވާ ކަމަށެވެ.

ގެއްލިގެން ހޯދަމުންދާ މުހައްމަދު އަޒްހާން ހޯދުމުގެ މަސައްކަތަށް އެދެވޭ ކުރިއެރުމެއް މިހާތަނަށް ލިބިފައިނުވާތީ އެމްއެންޕީން ނެރުނު ބަޔާނެއްގައި ބުނީ އަޒްހާން ނުފެނި ގިނަ ދުވަސްތަކެއް ވެފައި ވާއިރު، ގެއްލިގެން ހޯދާ މީހުން ހޯދުމަށް އެދެވޭގޮތުގައި މަސައްކަތްތަކެއް ކަމާބެހޭ އިދާރާތަކުން ކުރަމުން އަންނަ ކަމަށް ފާހަގަނުކުރެވޭ ކަމަށެވެ.

އެގޮތުން ކަމާބެހޭ އިދާރާތަކުން މިހާރަށް ވުރެ ބޮޑަށް މިފަދަ މައްސަލަތަކުގައި ހަރުދަނާ އެކަށޭނަ ފިޔަވަޅުތަކެެއް އެޅުމަށް އެމްއެންޕީން ވަނީ ގޮވާލާފައެވެ.

އެމްއެންޕީން ބުނީ މީހުން ގެއްލިގެން ހޯދާ މައްސަލަތަކުގައި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް އާންމުންގެ އެހީތެރިކަމަށް އެދި ސަރޗް ޕާޓީތައް އެކުލަވާލައި، ޓެކްނޮލޮޖީގެ އެހީގައި އެފަދަ މައްސަލަތައް ހައްލުކުރުމަށް އަވަސްވެގަންނަ ކަމަށެވެ.

އަދި ރާއްޖޭގެ ރައްޔިތުންގެ އެއްބާރުލުމާއި އެކު ދިވެހި ފުލުހުންނަށް ވެސް މިފަދަ މައްސަލަތައް އަވަހަށް ހައްލު ކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށްވެސް އެމްއެންޕީން ބުނެއެވެ.