ހައި އެޗީވާސް އަދި ރައީސްގެ ހާއްސަ ސްކޮލަޝިޕަށް ހޮވުނު ދަރިވަރުން ބޭނުންވާ ދާއިރާތަކުން ކިޔަވަން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ރައީސް ދޭ ހާއްސަ ސްކޮލާޝިޕް ލިބޭ ކަމަށް އެ މިނިސްޓްރީން ކަނޑައަޅައި ލިޔުން ދޫކޮށްފައިވާ ދަރިވަރުން ސްކޮލާޝިޕްގައި ކިޔެވުން ފުރިހަމަކުރުމަށް ސްކޮލާޝިޕްގެ އުސޫލުގައި ކަނޑައަޅާފައިވާ ކަންކަން ފުރިހަމަ ކުރުމަށް އެދި މިހާރު އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ.

މިނިސްޓްރީން ބުނީ އެޕްލިކޭޝަނާ އެކު ހުށަހަޅަންޖެހޭ ލިޔުންތަކާ އެކު ކަނޑައަޅާފައިވާ މުއްދަތުގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ އުސޫލުގައިވާ ގޮތަށް 18 މަސް ދުވަހުގެ ތެރޭގައި ކިޔެވުން ފެށުމުގެ އިންތިޒާމު މިނިސްޓްރީން ހަމަޖައްސަން ޖެހޭތީ ކަމަށެވެ.

ރައީސްގެ ސްކޮލަރޝިޕާއި ހައި އެޗީވާސް ސްކޮލަޝިޕަށް ކުރިމަތިލާން ޖެހެނީ މިނިސްޓްރީގެ ”މައި އެޑޫ“ ޕޯޓަލް އިން ސެޕްޓެމްބަރު 30ގެ ކުރިންނެވެ.

ރައީސްގެ ހާއްސަ ސްކޮލާޝިޕަކީ ބޭނުން ގައުމަކުން ބޭނުން ދާއިރާއަކުން ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ހުރިހާ ހަރަދެއް ސަރުކާރުން ހަމަޖައްސައިދޭ ސްކޮލަޝިޕެކެވެ.

އެ ސްކޮލަޝިޕް ލިބޭނީ 2024 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން އިސްލާމާއި ދިވެހި މާއްދާ ހިމެނޭ ގޮތަށް މަދުވެގެން ފަސް މާއްދާ އިން އޭ ސްޓާ ހޯދާފައިވާ އަދި އޯލެވެލް ނުވަތަ އެއަށް ވުރެ މަތިން އިނގިރޭސި މާއްދާއިން ސީ ފާހަށް ވުރެ މަތީ ފާހެއް ހޯދާފައިވާ ދަރިވަރުންނަށެވެ.