އާ އަޒުމެއްގައި، ޗައިނާގެ ރައްޔިތުން، ރާއްޖެއާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ޗައިނާގެ 73 ވަނަ ގައުމީ ދުވަހާ ގުޅިގެން އެގައުމުގެ ރައީސް ޝީ ޖިންޕިންގއަށާއި، ޕްރެމިއަރ އޮފް ދަ ސްޓޭޓް ކައުންސިލް އޮފް ޗައިނާ، ލީ ކީކްޔާންގަށް ތަހުނިޔާ ވިދާޅުވެ ފޮނުއްވި ސިޓީގައެވެ.

‏ރައީސް ސޯލިހު ޗައިނާގެ ރައީސަށް ފޮނުއްވި ސިޓީގައި، ޗައިނާގެ ގައުމީ ދުވަހުގެ އުފާވެރި މުނާސަބަތާއި ގުޅިގެން އެ ގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިވެ، ޤައުމުގެ ކުރިމަގު އިތުރަށް ތަރައްގީ ކުރުމަށް އާ އަޒުމެއްގައި ޗައިނާގެ ރައްޔިތުން ގުޅިގެން މަސައްކަތްކުރާނެ ކަމަށް އުންމީދުކުރައްވާކަމުގައި ވަނީ ވިދާޅުވެފައެވެ.

އަދި، ރާއްޖެއާއި ޗައިނާގެ ގުޅުން ކުރިޔަށް އޮތް ދުވަސްތަކުގައިވެސް، ކުރިއެކޭވެސް އެއްގޮތަށް ހީނަރުކަން ނައިސް އިތުރަށް ބަދަހިވެގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމުގައި ވެސް އެމަނިކުފާނުގެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސް، ޗައިނާގެ ޕްރެމިއަރ ލީ ކީކްޔާންގަށް ވަކިން ފޮނުއްވި ސިޓީގައި، ދެ ގައުމުން ވެސް ޝައުގުވެރިކަން ހުންނަ ދާއިރާތަކުން ކުރިއަށްދިއުމަށް އެކުގައި މަސައްކަތްކުރުމަށް އުންމީދުކުރައްވާކަން ވަނީ ފާހަގަކުރައްވާފައެވެ.