ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކްވަތުރާ އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

Ads by Asuru

މިއަދު މެންދުރުކުރީގައި ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސް ސޯލިހު ވަނީ މިއީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޑިޕްލޮމަސީގެ ދާއިރާއިން ފޮރިން ސެކްރެޓަރީ ކުރައްވާފައިވާ ގިނަ ގުނަ ޚިދުމަތްތައް ފާހަގަކުރައްވައި އެމަނިކުފާނަށް ތަޢުރީފު ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދުގައިވާ އަހުވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، މި ފަހުގެ އަހަރުތަކުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާކަން އުފަލާއިއެކު ފާހަގަކުރައްވާފައެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ދެއްކެވި ވާހަކަފުޅުގައި ވަނީ ކޮވިޑް-19 މެނޭޖްކޮށް، އިގްތިސާދީ ހާލަތު ކުރިއެކޭ އެއްހަމަޔަކަށް އިޢާދަކުރުމުން ރާއްޖެ ވަނީ އެހެން ގައުމުތަކަށް ނަމޫނާ ގައުމަކަށް ވެފައި ކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ރާއްޖެއަކީ އިންޑިއާއަށް އެންމެ މުހިންމު އެއް ސަރަޙައްދީ ބައިވެރިޔާކަމުގައި ފާހަގަކުރައްވައި، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށް ގެންދިޔުމުގައި އިންޑިއާގެ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގައި ވިދާޅުވެފައެވެ.

ރައީސް ސޯލިހު ވަނީ އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް އެއް ބައިވެރިޔާކަން އެކި ފަހަރުމަތިން ސާބިތުކޮށްދީފައިވާ ކަމުގައި ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސް ވިދާޅުވިގޮތުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ކެނޑިނޭޅި ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާކުރެއްވިއެވެ.