ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ގެއްލުނު މުހައްމަދު އަޒުހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ހުޅުމާލެ ވޯޓަރތީމް ޕާކު ކައިިރިން ފެނިއްޖެއެވެ.

Ads by Asuru

ފުލުހުން ދާދި ދެންމެއަކު ބުނީ، ގެއްލުނު އަޒުހާން(ހ.ބޮނޑިކަނދޮޅުގެ) ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު، ތަހުގީގު ތެރެއިން ހިންގި އޮޕަރޭޝަނެއްގައި މިއަދު ހަވީރު 5:45ހާއިރު ފެނިފައިވާ ކަމަަށެވެ. އަޒުހާން ގެއްލުނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅެމުން ދިޔަ އުމުރުން 27 އަހަރުގެ އަޒްހާންގެ ހަބަރެއް އެންމެ ފަހުންވީ، އޭނާ ގެއިން ނުކުތްތާ 12 ގަޑިއިރު ފަހުން ކަމަށް، އޭނާގެ އާއިލާއިން ރާއްޖޭގެ ބައެއް މީޑިއާތަކަށް މީގެ ކުރިން މައުލޫމާތު ދީފައިވެއެވެ.

އެ ޒުވާނާ ގެއްލިގެން ފުލުހުންނަށް އެންގީ، އެދުވަހުގެ ހެނދުނު 7:00 ހާއިރުއެވެ.

ސީސީޓީވީތަކުގެ ފުޓޭޖުތައް ދިރާސާކޮށްގެން ލިބުނު މައުލޫމާތުތަކުގެ އަލީގައި ފުލުހުން މީގެ ކުރިން ބުނީ، އަޒުހާން އެންމެ ފަހުން ފެނުނީ މިދިޔަ މަހު 18 ވަނަ ދުވަހު ފަތިހު ހިޔާ ފްލެޓުގެ ޓަވަރު 13 ކައިރިން ކަމަށެވެ.

އެ ދުވަހުގެ ފަތިހު 4:53 ހާއިރު ހުދުކުލައިގެ ކާރަކަށް އަޒުހާން އަރާކަން ފާހަގަ ކުރެވޭ ކަމަށް ފުލުހުން ބުނެއެވެ.

އޭނާ ވަނީ، ހުޅުމާލެ ފޭސް އެކެއްގެ ރެޑްބުލް ދަނޑު ސަރަހައްދުންވެސް ފެނިފައެވެ.

މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނުނު މައްސަލައިގައި، މިރޭ 7:45ގައި ނޫސްވެރިންނާ ބައްދަލު ކުރުމަށް ފުލުހުން ވަނީ ނިންމާފައެވެ.