ސިއްހީ ދާއިރާއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް، އަންނަ އަހަރު ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ މަރުކަޒުތަކަށް ސަރުކާރުން ޢައްޔަންކުރައްވާފައިވާ އިސްފަރަތްތަކާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މުޅި ރާއްޖޭގެ ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި ސިއްހީ ދާއިރާއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އަންނަ އަހަރު ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޞިއްޙީ މަރުކަޒުތަކަށް ސަރުކާރުން ޢައްޔަންކުރައްވާފައިވާ އިސްފަރަތްތަކާ ރައީސް ސޯލިހު ބައްދަލު ކުރައްވަނީ– ފޮޓޯ/ ރައީސް އޮފީސް

އެގޮތުން ސަރުކާރުން މިހާރުވެސް ޞިއްޙީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފައިވާ ކަމަށާއި ނަމަވެސް ސިއްހީ ދާއިރާގައި އަދިވެސް އިތުރަށް ރަނގަޅުކުރަންހުރި ކަންކަން ފާހަގަކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ސިއްހީ މަރުކަޒުތަކުގެ އިސްވެރިން ވަނީ މިދައުރުގައި ސިއްހީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންގޮސްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ހެލްތް ސެންޓަރުތަކުގެ ލެވަލް އަޕްގްރޭޑްކުރުމާއި، މުވައްޒަފުން މަދުވުމުގެ މައްސަލައާއި، މޮބައިލް ލެބޯޓްރީގެ ހިދުމަތާއި ބޭސްލިބުމުގައި ކުރިމަތިވާ ބައެއް ދަތިތަކާއި، ޕަބްލިކް ހެލްތް ޔުނިޓްތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ގެންދިއުމަށް ބޭނުންވާ ބައެއް ކަންކަމާއި، އަދި ބައެއް ޚިދުމަތްތަކާއި ވަޞީލަތްތައް ލިބުމުގައި ކުރިމަތިވާ ބައެއް ދަތިތައް މި ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރެއްވިއެވެ.