ދިވެހިރާއްޖޭގެ 40 އަހަރުގެ ދަރަންޏަށްވުރެ ބޮޑު ދަރަންޏެއް އެމްޑީޕީގެ ނިމިދިޔަ ސަރުކާރުގައި އުފައްދާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ”ރާއްޖެމިއަދު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ރާއްޖެއަށް މިހާރު ކުރިމަތިވެގެން އުޅޭ ދަތި ހާލުގެ އެންމެ ބޮޑު ހިއްސާދާރަކީ އިދިކޮޅު އެމްޑީޕީ ކަމަށެވެ.

އެ ޕާޓީގެ ވެރިކަން 2023 އަށް ނިންމައިލިއިރު 125.2 ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށް ސައީދު ވިދާޅުވިއެވެ.

”ރާއްޖެ 40 އަހަރުން އުފެއްދި ނޫނިއްޔާ 50 އަހަރުން އުފެއްދި ދަރަންޏަށް ވުރެ ބޮޑޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަސް އަހަރުން އުފެއްދި ދަރަނި،“ އޭނާ ވިދާޅުވިއެވެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން އެންމެ ފަހު އަހަރު ނިންމާލީ ދައުލަތުގެ ބަޖެޓު 50 ބިލިއަން ރުފިޔާ އަށް އަރުވައި ގާނޫނުގައި ތަޅު އަޅުވައިގެން އެތައް ހާސް ޑޮލަރެއް ޗާޕްކޮށްގެން ކަމަށާއި އެކަމުގެ ނަތީޖާއެއްގެ ގޮތުން، ރުފިޔާގެ އަގު އިންތިހާ އަށް ބަލިކަށިވެގެން ދިޔަ ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ޑިސެމްބަރު 2023 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ދައުލަތުގެ ކުންފުނިތަކުން އެކި ފަރާތްތަކަށް 9.1 ބިލިއަން ރުފިޔާ ދޭން ޖެހިފައި ހުރި ކަމަށާއި އޭގެ ތެރޭގައި އާރުޑީސީ އާއި ފެނަކަ އާއި އައިއޭއެސް އާއި އެމްޓީސީސީ އަދި މިފްކޯ ފަދަ ކުންފުނިތައް ހިމެނޭ ކަމަށެވެ.