ބ. އަތޮޅުގެ ތިން ރަށެއްގެ ސިއްހީ މަރުކަޒުގެ މަސައްކަތްތައް ސަރުކާރުން ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ.
ސަރުކާރުން ފެނަކަ އާއި ހަވާލުކޮށްފައިވަނީ ބ. ހިތާދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތާއި މާޅޮހާއި ދޮންފަނު ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތެވެ.
އެގޮތުން ބ. ހިތާދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތްކުރުމަށް ފެނަކައާ ހަވާލުކުރީ 33.7 މިލިޔަން ރުފިޔާއަށެވެ.
މި މަސައްކަތް 730 ދުވަހުގެ ތެރޭގައި ނިންމަންޖެހޭއިރު، ބ.މާޅޮހާއި ދޮންފަނުގެ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފެނަކައާއި ހަވާލުކޮށްފައިވަނީ 12.1 މިލިޔަން ރުފިޔާއަށެވެ.
އެ ދެ ތަނުގެ މަސައްކަތްވެސް 545 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.
މާޅޮހާއި ދޮންފަނުގެ ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ދަށުން ވޯޑަކާއި، ޕްރައިވެޓް ރޫމް، ލެބޯޓްރީ، ނާސް ސްޓޭޝަން، ޕްރޮސީޒަރ ރޫމް، ގަރާޖް އަދި ސްޓޯރ ރޫމް އަދި ޕޯޓިކޯ އާއި ވަށާފާރު އިތުރުކުރެވިގެންދާނެއެވެ.
މީގެއިތުރުން ހިތާދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ ޕްރޮޖެކްޓުގެ ދަށުން ވޯޑަކާއި، ލެބޯޓްރީ، ނާސް ސްޓޭޝަން، ޕްރޮސީޒަރ ރޫމް، ލޯންޑްރީ އަދި ސްޓޯ ރޫމް އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

