ބ. ކުޑަރިކިލުގައި ހުއްޓިފައި އޮތް ފެނާއި ނަރުދަމާގެ މަޝްރޫއު މިމަހު އަލުން ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން އިއުލާނު ކުރައްވައިފައި ވަނީ ބ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ކުޑަރިކިލުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ފެނާއި ނަރުދަމާގެ މަޝްރޫއު ހުއްޓިފައި އޮތް އޮތުންކަން ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒު ވަނީ ރަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު ބާރު ދުވެލީގައި މަސައްކަތް ކުރިއަށްގެންދަވާ ސެޕްޓަމްބަރު މަހުން ފެށިގެން ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމަވާނޭކަމުގެ ޔަގީންކަން ދެއްވާފައެވެ.
އަދި އެ ރަށުގެ މަގު ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކުރައްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެ ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިމެމުންދާ ވަރަކަށް މަގުހެދުމުގެ މަޝްރޫއުވެސް ކުރިއަށްދާނެކަމަށެވެ.

