ދާދި ފަހުން ރާއްޖެ ވަޑައިގެން ރައީސް އޮފީހުގައި ރައިސް ޑރ. މުހައްމަދު މުއިއްޒު ބައްދަލު ކުރެއްވި ސައުދީގެ ޕްރިންސް ފަހަދު ސައުދު އަލްޝަލަން އަކީ ސައުދީ އަރަބިއާގެ ޝާހީ އާއިލާގެ އަމީރާއެއްގެ ދަރިކަލެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުالله ހަލީލު ވިދާޅުވެއްޖެއެވެ.
ރައީސް ބައްދަލުކުރެއްވީ ”ފޭކް“ ޕްރިންސްއަކާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލު އަހްމަދު ނަސީމް ކުރެއްވި ސުވާލުގެ ޖަވާބުގައި ވިިދާޅުވީ މިދިޔަ މޭ މަހުގައި ރައީސް ބައްދަލު ކުރެއްވި ފަހަދު އަލް ސައުދަކީ ޝާހީ ދަރިފަސްކޮޅުގެ އަމީރާއެއްގެ ދަރިކަލެއް ކަމަށެވެ.
އަދި އޭނާ ވަޑައިގެންނެވީ ވިޔަފާރީގެ ބޭނުމާއި އަމިއްލަ ބައެއް މަސައްކަތްތައް ކުރެއްވުމަށް ކަމަށް ހަލީލު ވިދާޅުވިއެވެ.
”އެނގިވަޑައިގަންނަވާނެ، ރާއްޖެއަށް ވަޑައިގެންފައި ވަނީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާ ހުޅުވުމުގެ ރަސްމިއްޔާތަށާއި، އަދި އެކަމުގައި ޝާމިލުވާ އެހެން ބޭބޭފުޅުންނާ އެއްކޮށް ކުރެވުނު ބައެއް މަސައްކަތްޕުޅުތަކުގައި ބައިވެރިވެވަޑައިގަތުމުގެ ބޭނުމުގައި ވަޑައިގެންފައި ވަނީ.“ ހަލީލު ވިދާޅުވިއެވެ.
އަދި ރަސްމީކޮށް ނުވަތަ ނުރަސްމީކޮށް ވެސް ބޭފުޅަކު ވަޑައިގަންނަވާ ނަމަ، ބައިވެރި ކުރާނީ އަދި ނުކުރާނީ ކޮން ބައެއްތޯ ކަނޑައެޅުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައިވާކަން ވެސް ހަލީލު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ ފަހަދު ރާއްޖެ ވަޑައިގަތީ އަމިއްލަ ދަތުރުފުޅެއްގައި ކަމަށްވާތީ އެބައްދަލުވުން ކުރިއަށް ގެންދިޔައީ ރައީސް ކަނޑައަޅުއްވާ ބޭފުޅުންތަކެއް ބައިވެރިވެވަޑައިގަތުމާއެކުގައި ކަމަށެވެ.

