މާޅޮސްމަޑުލު ދެކުނުބުރީ “މާމަޑުއްވަރީ“ ހިތާދޫއާ ހަވާލުކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ، ބ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ހިތާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، “މާމަޑުއްވަރީ“ އަކީ ތާރީހަށް ބަލާއިރު ހިތާދޫ ރައްޔިތުންގެ ވަރަށް ބޮޑު ހިއްސާއެއް އޮތް، އިގްތިސާދީ ގޮތުން ފައިދާތަކެއް ހޯދާފައިވާ ރަށެއްކަމަށާ، ނަމަވެސް މިހާރު ޓޫރިޒަމް އެގްރިމަންޓެއްގެ ދަށުން ބަޔަކާ ހަވާލުކުރެވި ގިނަ ދުވަސް ވެފައިވާ ރަށެއްކަމަށެވެ.

އެއީ އެގްރިމަންޓާ އެއްގޮތަށް މަސައްކަތް ހިނގަމުންނުދާ ރަށެއްކަން ފާހަގަކުރައްވައި ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ ގާނޫނާއި ގަވާއިދުގެ ތެރެއިން އެގްރިމަންޓްގެ ކަންކަން ނިމުމަކަށް ގެނެސް އެރަށް ހިތާދޫއާ ހަވާލު ކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ.

ރައީސް މި ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން ހިތާދޫގައި މިއަދުވަނީ، ރަށު ސްކޫލުގެ މަލްޓިޕަރޕަސް ހޯލް އިމާރާތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމާއި ހިތާދޫ ބިން ހިއްކުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.

މި އެއްބަސްވުމަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ދެ މަޝްރޫއު ނިމިގެންދާއިރު ރައްޔިތުންނަށް އެތައް ފަސޭހަތަކެއް ލިބޭނެކަމަށާއި، ސްކޫލް ހޯލް ނިމޭއިރު، ސްކޫލަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ފުރިހަމާވާގޮތަށް މި މަޝްރޫޢު ނިންމަވައިދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ހިތާދޫގެ ތަރައްގީއަށް ވެވަޑައިގަންނަވާފައިވާ ރިޔާސީ ވަޢުދުތަކަށް އިޝާރާތްކުރައްވައި، އެވަޢުދުތަކާ ގުޅުންހުރި ގިނަ ދާއިރާތަކުން ކުރައްވާ މަސައްކަތްތަކާ ގުޅޭގޮތުން އެމަނިކުފާނު ވިދާޅުވީ ހަތަރު ވައުދެއް ފުއްދުމުގެ އަމަލީ މަސައްކަތް މިއަހަރު ފައްޓަވާނެކަމަށެވެ.

އެގޮތުން ސިއްހަތާއި ހަށިހެޔޮކަމާ ގުޅުންހުރި ވަޢުދުތައް ފުއްދުމުގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި އެމަނިކުފާނު ވިދާޅުވީ ހެލްތު ސެންޓަރު ހެދުމުގެ އެގްރިމަންޓްގައި ސޮއިކުރެވިފައިވާ ކަމަށާއި، އެމަސައްކަތް ނިމޭއިރު ވަސީލަތްތައް ފުރިހަމަކުރުމަށް ޖާގަ ތަނަވަސްވެ، ހެލްތު ސެންޓަރުގައި ލެބޯޓްރީގެ ހިދުމަތާއި ޑަޔަލިސިސްގެ ހިދުމަތް ވެސް ފެށިގެންދާނެ ކަމަށެވެ.