އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ފުލުހުންގެ ބެލުުމުގެދަށުގައިހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުންގެ ވެބްސައިޓުގައި ހާމަކޮށްފައިވާ ގޮތުގައި ދޫނިދޫގައި އިއްޔެ ނައްތާލާފައިވަނީ، ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅިފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ކޭސްކުރެވިފައިވާ މައްސަލަތަކުގައި ތަހުލީލު މަރުހަލާ ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލާއި، ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިހާއި، ހުޅުމާލެ ޕޮލިހުގެ ބެލުމުގެދަށަށް އެކި މައްސަލަތަކާ ގުޅިގެން ގެނެސްފައިވާ ބަނގުރަލެވެ.

އެގޮތުން، 1432 ފުޅި ބަނގުރަލާއި 299 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 92 އައިޓަމް ނައްތާލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަަމަށްޓަކައި އެކުލާވާފައިވާ ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.