މާލެ ސިޓީގެ މަގުތަކަށް ދޫކޮށްލާފައިވާ އުޅަނދުތައް ނަގަން ފަށައިފިއެވެ.

ފުލުހުން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ އެ މަސައްކަތަކީ މާލޭގެ މަގުތަކަކީ އެންމެންނަށް ރައްކާތެރި، ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި ކުރެވޭ މަސައްކަތެއް ކަމަށެވެ.

”މާލެ ސިޓީގެ މަގުތަކުގައި، އާންމުންނަށް ދަތިވާގޮތަށް، ދިގު މުއްދަތަކަށް ބޭނުން ނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް، ދިވެހި ފުލުހުންގެ ހިދުމަތާއި، މާލެ ސިޓީ ކައުންސިލާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ ވުޒާރާ ގުޅިގެން ދަނީ ކުރަމުން،“ ފުލުހުން ބުންޏެވެ.

މާލޭގެ ބައެއް މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކު ކުރުމުން، ޓޯކުރާނެކަމުގެ އިންޒާރުދިނުމަށްފަހު، މިދިޔަ ޖޫން މަހު ފުލުހުން ވަނީ މަޖީދީމަގާއި ބޮޑުތަކުރުފާނުމަގުގައި ގަވާއިދާ ހިލާފަށް ޕާކުކުރި 420 އުޅަނދު ޓޯކޮށްފައެވެ.