ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނެސްދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ އެންމެ ބިޔަ މަޝްރޫއު ކަމުގައިވާ ”ރަސްމާލެ“ މަޝްރޫއުގެ ދަށުން ފުށިދިއްގަރުފަޅުން 129.60 ހެކްޓަރުގެ ބިން ހިއްކާ ނިންމައިފިއެވެ.
މިއީ މުޅި މަޝްރޫއުގެ 12.84 އިންސައްތައެވެ.
މިހާރު ހިއްކާފައިވާ ސަރަހައްދު ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާ އެއްވަރަށް ބޮޑުކަން ފާހަގަކުރެވެއެވެ.
ރަސްމާލޭގެ އިތުރު ސަރަޙައްދުތައް ހިއްކުމުގެ މަސައްކަތް މި ހަފްތާތެރޭގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެޗްޑީސީން ދައުލަތުގެ މީޑިއާއަށް ބުނެފައިވެއެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ރައީީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ އެންމެ އުއްމީދީ އެއް މަޝްރޫއުއަކީ ރަސްމާލެ މަޝްރޫއުއެވެ.
މިއީ 1153 ހެކްޓަރުގެ ފުށި ދިއްގަރު ފަޅުން 1009 ހެކްޓަރުގެ ބިން ހިއްކައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއުއެކެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިން ކުރަމުން ދިޔައީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީއާއި މޯހަން މުތާ އެކްސްޕޯޓްސްއިން ގުޅިގެން، 11 ސަރަހައްދަކަށް ބަހާލައިގެންނެވެ.
ނަމަވެސް މަސައްކަތް އަވަސްކުރުމުގެ ގޮތުން މިމަހުގެ ތެރޭގައި ވަނީ ޗައިނާގެ ހާބަރ އިންޖިނިއަރިން ކުންފުންޏާ ހަވާލުކޮށްފައެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި ރަށްގިރުމުން ސަލާމަތްކުރުމަށް ރަސްމާލެ ފަޅު ހިއްކަނީ މޫދުގެ ލޮނުގަނޑުން ފެށިގެން 2.5 މީޓަރ އުސްމިނަށެވެ. މިއީ ހުޅުމާލެ އަށްވުރެ އިތުރު 0.5 މީޓަރ އުސްކޮށް ހިއްކޭ ރަށެކެވެ.
މި ރަށުގައި އަންދާޒާ ކުރެވޭގޮތުން 240،000 އަށްވުރެ ގިނަ އާބާދީއެއް ގާއިމްކުރެވިގެންދާނެއެވެ.
އިކޯ ސިޓީއެއްގެ ގޮތުގައި ރަސްމާލެ ތަރައްގީކޮށް 11000 ގޯއްޗާއި، 26000 އަށްވުރެ ގިނަ ފްލެޓް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

