ރާއްޖޭގައި އޭ ލެވެލް ކިޔެވުމުގެ ފުރުސަތު ވީހާވެސް ގިނަ ކުދިންނަށް ދިނުމުގެ ގޮތުން އޭލެވެލް އަށް ވައްދާ ކްރައިޓީރިއާ ދަށްކޮށް އުސޫލު އިސްލާހުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާގައި އޭ ލެވެލްއަށް ވަދެވޭނެ ގޮތްތަކެއް ކަނޑައަޅައިފައެވެ.

އެއީ، އެކަޑަމިކް ސްޓްރީމާއި ސްކޫލުގައި ކުރިއަށްގެންދާ ވޮކޭޝަނަލް އެޑިއުކޭޝަނާއި މަސައްކަތުގެ މާހައުލުގައި ކިޔެވުމުގެ އެޕްރެންޓިޝިޕް ޕްރޮގްރާމެވެ.

މިނިސްޓްރީން ފޮނުވި ސާކިއުލާގައިވާ ގޮތުން އެކަޑަމިކް ސްޓްރީމްތަކުން އޭލެވެލްއަށް ވަދެވޭނީ އޯ ލެވެލް އިމްތިހާނުގައި ދިވެހި ނުވަތަ އިސްލާމުން ދަށްވެގެން ސީ ފާހާއެކު އެހެން ދެ މާއްދާ ހިމެނޭގޮތަށް ޖުމުލަ ހަތަރު މާއްދާ އިން ސީ ލިބުމުންނެވެ.

ނުވަތަ އޯ ލެވެލް އިމްތިހާނުގައި ދިވެހި ނުވަތަ އިސްލާމްގެ އިތުރަށް ހިސާބުން ދަށްވެގެން ސީ ލިބިފައިވުމާއެކު ސްޓްރީމްގެ (ސައިންސް، ބިޒްނަސް ނުވަތަ އާޓްސް)ގެ ދެ މާއްދާއަކުން ސީ ލިބިފައިވުން ނުވަތަ އޯ ލެވެލް އިމްތިހާނުގައި ދިވެހި ނުވަތަ އިސްލާމުން ދަށްވެގެން ސީ އާއެކު ކޮންމެވެސް އެއް ސްޓްރީމެއްގެ (ސައިންސް، ބިޒްނަސް ނުވަތަ އާޓްސް)ގެ ދެ މާއްދާއިން ސީ ހޯދައި ކުރިއަށްދާން ބޭނުންވާ މަސައްކަތުގެ ދާއިރާއާ ގުޅޭ އިހުތިޔާރީ އެއް މާއްދާއަކުން ސީ ލިބިފައިވުމުންނެވެ.

މީގެ އިތުރުން އޯ ލެވެލްގައި ހިސާބު ނޫނީ އިނގިރޭސިން ދަށްވެގެން ސީ ލިބިފައިވުމާއެކު ކޮންމެވެސް އެއް ސްޓްރީމަކުން (ސައިންސް، ބިޒްނަސް ނުވަތަ އާޓްސް)ގެ ދެ މާއްދާއިން ސީ ލިބިފައި ވުމާއި އޯ ލެވެލްގައި ހިސާބުން ދަށްވެގެން ސީ ލިބިފައިވުމާއެކު ކޮންމެވެސް އެއް ސްޓްރީމަކުން (ސައިންސް، ބިޒްނަސް ނުވަތަ އާޓްސްގެ) މަދުވެގެން އެއް މާއްދާއިން ސީ ލިބިފައިވުމާއެކު ސްޓްރީމް މާއްދާއާ ގުޅުންހުރި އިހުތިޔާރީ އެއް މާއްދާއިން ސީ ލިބިފައިވާ ނަމަވެސް އޭ ލެވެލްއަށް ވަދެވޭނެއެވެ.

އަދި އިންޑިވިޖުއަލް ކަރިކިއުލަމް ޕްލޭން (އައިސީޕީ) އޯ ލެވެލް ހަދާ ކުދިން އޯ ލެވެލް ނިންމައި ބައިވެރިވި މާއްދާތަކުގެ ތެރެއިން ކޮންމެވެސް ދެ މާއްދާއިން ސީ ލިބިފައިވާ ނަމަވެސް އޭ ލެވެލްއަށް ވަދެވޭނެއެވެ.

ސާކިއުލާގައިވާ ގޮތުން ފިއާސަން ބީޓެކް އިންޓަނޭޝަނަލް ލެވެލް 2 ޑިޕްލޮމާ ނުވަތަ ސްކޫލް ޓިވެކް ކޯހުން ދަށްވެގެން ”ފާސް“ ލިބިފައިވާ ނަމަވެސް އަދި އޯ ލެވެލްގެ ކޮންމެވެސް ތިން މާއްދާއަކުން ދަށްވެގެން ސީ ލިބުން ނަމަވެސް އޭ ލެވެލްއަށް ވަދެވޭނެއެވެ.

މިނިސްޓްރީން ބުނީ އޭ ލެވެލް ކިޔަވަން ފުރުސަތު ދިނުމުގައި ބަލާނީ އެސްއެސްސީ އާއި އައިޖީސީއެސްއީ، އޯލެވެލް އަދި ބީޓެކްގެ ނަތީޖާއަށް ކަމަށެވެ.

އަދި ފުރުސަތު ލިބޭނީ މިއަހަރުގެ ނިޔަލަށް 18 އަހަރު ނުވާ ކުދިންނަށް ކަމަށެވެ.