އއ. މާޅޮހުގައި ފެނާއި ނަރުދަމާގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.
އެ ރަށުގައި މި ހިދުމަތް ފައްޓަވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މާޅޮހަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ.
މިއީ އެގްޒިމް ބޭންކް އޮފް އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުރުމުގެ މަޝްރޫޢުގެ ތެރެއިން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކަލްޕަތުރު ޕްރޮޖެކްޓްސް އިންޓަރނޭޝަނަލް ލިމިޓެޑާއި ހަވާލުކޮށްގެން ނިންމާފައިވާ މަޝްރޫޢެކެވެ.
49 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރި މި މަޝްރޫއުގެ ދަށުން، ބޯ ހޯލް އެޅުމާއި، ވާރޭ ފެން ރައްކާކުރާ ޓޭންކާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމުގެ މަސައްކަތް ކޮށްފައިވެއެވެ.
އަދި އާރްއޯ ޕްލާންޓް އިންސްޓޯލް ކުރުމާއި ލެބޯރެޓްރީ ހިމެނޭގޮތަށް ސޯލާ ޕެނަލްސް ހަރުކޮށް، އެޑްމިނިސްޓްރޭޝަން ބިލްޑިންވަނީ އަޅާފައެވެ.
މީގެއިތުރުން މުޅި ރަށުގައި ފެން ހޮޅި އެޅުމުގެ އިތުރުން ރަށުގެ ގޭބިސީތަކާއި އެހެނިހެން އުމާރާތްތަކުގައި ފެން މީޓަރު ބަހައްޓައި ދީ ނަރުދަމާގެ ޕަންޕްސްޓޭޝަން ބަހައްޓައި މުޅި ރަށުގައި ނަރުދަމާ ހޮޅި އަޅައިފައިވެއެވެ.

