ދ. “ވައްލަ“ އަކީ އެ އަތޮޅު ކުޑަހުވަދޫގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.
ރައީސްގެ ގަރާރަކުން، “ވައްލަ“ އަކީ ކުޑަހުވަދޫގެ ބައެއް ކަމުގައި ކަނޑައެޅުއްވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
ކުޑަހުވަދޫގެ ބައެއްގެ ގޮތުގައި ވައްލަ ހަމަޖެއްސުމަކީ ރައީސްގެ ވައުދުފުޅެކެވެ. ކުޑަހުވަދޫގެ އިގުތިސާދަށް ފައިދާވާ މަސައްކަތެއް ކުރެވޭނެ ގޮތަށް، ދ. ވައްލަ ހަމަޖެއްސަވައިދެއްވާނެ ކަމަށް ރައީސް ވަނީ، މިދިޔަ މާޗް މަހުގެ އެ ރަށަޒް ވަޑައިގެން ވައުދުވެވަޑައިގަންނަވައިފައެވެ.
އެ ގަރާރާއެކު، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އެކަށައަޅާފައިވާ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ޖަދުވަލުގައި ހިމަނައިފައިވާ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު ވަނީ އަދާހަމަކޮށް، ގެޒެޓުގައި ޝާއިއުކޮށްފައެވެ.

