އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ ސަރުކާރުގެ ވުޒާރާއެއްގެ މިސްކިތަކަށް ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާއެއްގައި ހަތަރު މީހުން މަރުވެ 25 މީހުން ޒަަހަމް ކޮށްލައިފިއެވެ.

Ads by Asuru

ބުދަ ދުވަހުގެ މެންދުރު ފަހު ބޮން ގޮއްވާލާފައިވަނީ އަފްޣާނިސްތާނުގެ ދާހިލީ ވުޒާރާގެ މިސްކިތެއްގެ ތެރޭގައި، މަސައްކަތްތެރިންނާއި އެތަނަށް ޒިޔާރަތްކުރި ބައެއް މީހުން ނަމާދުކުރަމުން ދިޔަ ވަގުތުގައެވެ.

އަފްޣާންގެ ދާހިލީ ވުޒާރާ އަކީ،  އެ ޤައުމުގެ ސަލާމަތީ އަދި ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގެ ޒިންމާ އަދާކުރަމުން އަންނަ މުއައްސަސާއެވެ.

ތާލިބާން ސަރުކާރުގެ އެ ވުޒާރާގެ ތަރުޖަމާނު އަބްދުލް ނާފީ ޓާކޫރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ”މިއަދު މެންދުރު ފަހު 1:30 ހާއިރު، ދާހިލީ ވުޒާރާގެ މިސްކިތެއްގައި އެއްޗެއް ގޮއްވާލި، އޭގެ ނަތީޖާއެއްގެ ގޮތުން ހަތަރު މީހަކު ޝަހީދުވެ، އިތުރު 25 މީހަކު ޒަހަމްވި.“ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށާއި، ކަމާ ގުޅޭ ތަފްސީލު، ފަހުން މީޑިއާއަށް ދެއްވާނެ ކަމަށެވެ.

އަފްޣާންގެ ދާހިލީ ވުޒާރާގެ މިސްކިތަށް މި ދިން ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައި ނުވާއިރު، އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އައިސިސްޖަމާއަތުން ދަނީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހު ތާލިބާނުންގެ ވެރިކަމާ ހަވާލުވި ފަހުން ،ތާލިބާނުންނާއި މައިނޯރިޓީ ޝިއައީންނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދިނެވެ.