2013 ވަނަ އަހަރުން ފެށިގެން، 2018 ވަނަ އަހަރާ ހަމަައަށް، ރައީސް ޔާމީން އަބްދުލްގައްޔޫމް ރާއްޖޭގައި ވެރިކަން ކުރެއްވުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ނަސީބު ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި ތަރައްގީ ކުރި އައު ރަންވޭ، މިއަދު ހުޅުވުމާ ގުޅިގެންނެވެ.
ޝިޔާމް ވަނީ، މި ސަރުކާރުން ރިބަން ކަނޑަމުންދަނީ، ރައީސް ޔާމީންގެ ވެރިކަމުގައި ނިންމަވާފައިވާ މަޝްރޫއުތައް ކަމަށް ވިދާޅުވެ، ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
2013 އިން 2018 އަށް ރައީސް ޔާމީން ރާއްޖޭގެ ވެރިކަން ކުރެއްވިކަން އެއީ @ibusolih ގެވެސް ނަސީބު. އެހެންނޫންނަމަ މިއަދު ވެރިކަމުގައި ހުންނަވާ ދަތުރު ކުރެއްވުން ފިޔަވާ ކުރައްވާނެ އިތުރުކަމެއް ނޯންނާނެ. ރިބަން އެކަނޑުއްވަނީ ހުސް @prz_ymn ފައްޓަވާ ނިންމަވާފައިހުރި ކަންކަން. pic.twitter.com/SQJ8bIXAs5
— Ahmed Shiyam (@Shiyamaldives) October 6, 2022
މި ރަންވޭ ތަރައްގީ ކުރުމުގެ މަޝްރޫއު ހިންގާފައިވަނީ، ޗައިނާގެ ބީޔޫސީޖީ ކުންފުނިންނެވެ. އާ ރަންވޭގެ މަޝްރޫއުއަށް 373 މިލިއަން ޑޮލަރު ވަނީ ހަރަދުވެފައެވެ. މި ރަންވޭ ތަރައްގީކޮށްފައިވަނީ އެއާބަސް މަރުކާގެ އެންމެ ބޮޑެތި A380 ބޯޓަށްވެސް ޖެއްސޭ ފެންވަރަށެވެ. އާ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު ހުންނައިރު، ފުޅާ މިނުގައި 60 މީޓަރު ހުރެއެވެ.
ރަންވޭ އެޅުމުގެ މަސައްކަތް 2017 ވަނަ އަހަރު ފެށިއިރު، 2018 ވަނަ އަހަރު ރަންވޭގެ މަސައްކަތް ނިންމައި އެ އަހަރުގެ ސެޕްޓެމްބަރުމަހުގެ 18 ވަނަ ދުވަހު ވަނީ ޓެސްޓް ފްލައިޓްވެސް ޖައްސާފައެވެ.