ފާފައަކަށް އަރައިގަންނަ މީހާ ފަޟީހަތް ނުކުރުމަށް، މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.
މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ ތިމާގެ އަހާ ފަޟީހަތް ކުރުމުން ދުރުހެލިވުމުގެ މައްޗަށެވެ.
ހުތުބާގައި ބުނީ މާތް ރަސްކަލާނގެ އަޅުތަކުން ފަޟީހަތްނުކޮށް، އެމީހުންގެ ނުބައި އަމަލުތައް ވަންހަނާކޮށްދޭ މީހަކީ، މާތްﷲ ދެކެ ބިރުގަންނަ، އާހިރަތް ދުވަހުގެ ރައްކާތެރިކަމަށް އެދޭ މީހެއް ކަމަށެވެ. ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ހަބަރުތަކާއި، ފޮޓޯތަކާއި، ވީޑިއޯތައް ފަތުރަން ފަސޭހަ މިފަދަ ޒަމާނެއްގައި މުސްލިމުން މިކަމަށް ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމަށާއި އެގޮތުން އަތުގައި އޮންނަ ފޯނު މޯބައިލް ފޯނުގެ ޒަރިއްޔާ އިން މީހުންނަށް ނޭނގޭ ގޮތަށް ތަންތަނާއި މަންޒަރުތަކާއި އަޑުތައް ރެކޯޑްކޮށް އެ ސިއްރުތައް އާންމުކޮށްލާ އިރު އެފަދަ ކަންކަން ކުރާ ކޮންމެ މީހަކު ވެސް ދީނުގައި އައިސްފައިވާ ވައީދުތަކާ މެދު ވިސްނާލަންޖެހޭ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނީ ފާފައަކަށް އަރައިގަނެވޭ މީހާ ފަޟީހަތް ކުރުމަކީ އިސްލާމްދީނުގައި ހުއްދަ ކަމެއް ނޫން ކަމަށާއި ފާފަތައް ފޮރުވައި ވަންހަނާ ކުރަންޖެހެނީ އޭގެ ސަބަބުން މީސްތަކުންގެ ސިއްރުތައް ހާމަވެ ފަޟީހަތްވެގެންދާނެތީ ކަމަށެވެ. އަދި އިހުލާސްތެރިކަމާއެކު ތައުބާވުމުން އެކަންކަން މާތްރަސްކަލާނގެ އިރާދަފުޅުން ހެޔޮ ކަންކަމަށް ބަދަލުކުރައްވާނެ ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ވަނީ ފާފަތައް ފޮރުވައި ވަންހަނާ ކުރުމުގެ މާނައަކީ އެއްވެސް ހާލެއްގައި ފާހިޝް ކަންތަކާއި މުންކަރާތްތަކަށް އަރައިގަތުމަށް ހިތްވަރު ދިނުމެއް ނޫން ކަަމަށާއި، މުންކަރާތްތަކާ ދެކޮޅު ހެދުން ދޫކޮށްލުމެއް ވެސް ނޫނެވެ. އެ ކުށަކަށް ކަނޑައެޅިފައިވާ އަބަދު ނުދިނުމެއް ވެސް ނޫން ކަމަށެވެ.
މީހަކަށް މުންކަރާތަކަށް އަރައިގަނެވިއްޖެނަމަ އޮތީ އޭނާ އަށް ނަސޭހަތްދިނުން ކަމަށާއި ނަމަވެސް ހައްދު ކަނޑައެޅިފައިވާ ފާފަތަކަށް އަރައިގަންނަ ފަރާތްތަކުގެ މައްސަލަ ޝަރީއަތަށް ހުށަހެޅި ކުށް ސާބިތުވެއްޖެނަމަ ޝަރުއީ ގޮތުން ކަނޑައެޅިފައިވާ އަބަދު ދޭންޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ. އަދި އެއީ ވަލިއްޔުލް އަމްރުގެ ޒިންމާއެއް ކަމަށްވެސް ބުނެފައިވެއެވެ.