ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފަސްޓްލޭޑީ ފަޒްނާ އަހުމަދު ”ޕްރޮމޯޓް“ ކުރާތީ، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް(ޓޮމް) ފާޑުވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް އޮފީހުގެ ވެބްސައިޓުން އަބަދުވެސް ގެެނެސްދެނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، ނައިބު ރައީސް ފައިސަލް ނަސީމްގެ ޚަބަރުތަކެވެ. ނަމަވެސް ފަހަކަށް އައިސް، ފަސްޓްލޭޑީގެ ޚަަބަރުތައް ގިނައިން ގެނެސްދޭކަން ފާހަގަކުރައްވައި ޓޮމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަކީ ކާކުކަން އޮޅޭ ހިސާބަށް ގޮސްފައިވާ ކަމަށާއި، ފަސްޓްލޭޑީގެ ޚަބަރުތަކާއި ޓްވީޓްތަކުން ރައީސް އޮފީހުގެ ވެބްސައިޓު ފުރިފައިވާ ކަމަށެވެ.

އޭނާ ވަނީ، ގާނޫނު އަސާސީއާއި ގާނޫނުން ފަސްޓްލޭޑީއާ އެއްވެސް މަގާމެއް ހަވާލުކޮށްފައި ނުވާކަންވެސް ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އެކި ހަރަކާތްތަކުން ފަޒްނާ ފެނިވަޑައިގަންނަވާއިރު، އެކަމަނާ، 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިން ތެރޭގައި ވަނީ ސިޔާސީ ކަންކަމުގައި ނޫޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.