ބައެއް ރަށްތަކުގައި އާދަޔާ ހިލާފަށް ޑެންގީ ހުމުގެ ކޭސްތައް ގިނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން ބުނެފިއެެވެ.

Ads by Asuru

ރޭ ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވާހަކަ ދައްކަމުން އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިއަހަރުތެރޭގައި ޑެންގީ ކޭސްތައް އެންމެ ގިނައިން ފެނިފައިވަނީ ޖުލައި މަހުގައި ކަމަށެވެ. އޭނާ ވިދާޅުވީ އޮގަސްޓު އަަދި ސެޕްޓެމްބަރު މަހުގައި ޑެންގީ ކޭސްތައް އުޅުނީ 250 އާއި 260 އާދެމެދުގައި ކަމަށެވެ.

މިމަހު އަނެއްކާވެސް ކޭސްތައް އިތުރުވާން ފަށާފައިވާކަން ފާހަގަކުރައްވައި، ނަޒްލާ ވަނީ، މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ޑެންގީގެ 142 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ބައެއް ރަށްތަކުގައި އާދަޔާ ހިލާފަށް ކޭސްތައް ގިނަވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.

ޑެންގީ ހުން ޖެހިގެން، މިމަހުގެ 11 ވަނަ ދުވަހުވެސް ވަނީ ކުޑަ ކުއްޖަކު ނިޔާވެފައެވެ. އެދުވަހު، ރ.އުނގޫފާރު ހޮސްޕިޓަލުގައިވެސް، އެ ބައްޔަށް ފަރުވާ ހޯދަމުން ދިޔަ ޒުވާނަކު ނިޔާވިއެވެ.

ޑެންގީ ހުން ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، އެޗްޕީއޭއިން  ވަނީ މިކަމަށް ސަމާލުވާން އިލްތިމާސް ކޮށްފައެވެ.