މާލޭގެ ހެންވޭރު އަވަށުގެ ގެއަކުން، ދުން އަރާތީ ފުލުހުންނާއި ސިފައިން އެގޭގެ ދޮރު ވައްޓާލައިގެން ވަންއިރު އެތަނުގައި ބަނގުރާ ކައްކަން ތިއްބާ ފެނުނު މައްސަލައިގައި ހައްޔަރު ކުރީ އިންޑިއާ ދެ މީހުންކަން އެނގިއްޖެއެވެ.

Ads by Asuru

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ ދެ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ވަނީ ހާޒިރު ކޮށްފައެވެ. އެގޮތުން އެ މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އިންޑިއާ ދެ މީހުން ކަަމަށް ކޯޓު އަމުރުގައިވާއިރު، އެ މީހުން ހައްޔަރުކޮށްފައި ވަނީ ގަވާއިދާއި ހިލާފަށް، ބަނގުރާ ބޭނުންކޮށް ގެންގުޅޭ އެ ތަކެތީގެ ވިޔަފާރި ކުރާ މައްސަލައިގައި ކަމަށް ބުނެފައި ވެއެވެ.

އަދި ދެ މީހުންގެ ބަންދަށްވެސް ކޯޓުން ދީފައިވަނީ ތިރީސް ދުވަހެވެ.

ހެންވޭރު ރޯޝަނީ މަގުގައި ހުރި ގެއަކުން ދުން އަރާތީ، އެކަން ފުލުުހުންނަށް އެންގީ، އެދުވަހު 06:12 ކަންހާއިރުއެވެ.

އަދި ސިފައިންނާއި ފުލުހުން އެގެއަށް ގޮސް ދޮރުގައި ތެޅުމުން އެއްވެސް މީހަކު ދޮރު ނުހުޅުވުމުން ބާރުގެ ބޭނުން ކޮށްގެން އެގެއަށް ވަދެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

އެގޭތެރެއިން ދުން އަރަމުން ދިޔައީ ބަނގުރާ ކައްކަމުން ދާތީކަމަށާއި ބަނގުރާ ކެއްކުމަށް ބޭނުންކުރާ ގިނަ ސާމާނުތަކެއް އެގެއިން ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.