ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވައި ފެނުނު ހ. ބޮނޑިކަނދޮޅުގޭ، މުހައްމަދު އަޒުހާންގެ މަރާ ގުޅިގެން އެއްވެސް މީހެއްގެ މައްޗަށް އަދި ތުހުމަތެއް ނުކުރެވޭ ކަމަށް ފުލުހުން ބުނެފިއެވެ.

Ads by Asuru

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ގެއްލުނު އުމުރުން 27 އަހަރުގެ މުހައްމަދު އަޒުހާން ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ ސެޕްޓެމްބަރުމަހުގެ 18 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާ ހޯދަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ފެނިފައިވަނީ ހުޅުމާލެ ވޯޓާ ތީމް ޕާކް ކުރިމަތީގައި އޮންނަ ހުސް ބިމުންނެވެ.

މި މައްސަލައިގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނެފައިވަނީ، އަޒްހާންގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިގެން ހަދަންޖެހޭ ތަހުލީލުތައް ހަދާ އޭގެ ވަގުތީ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އެގޮތުން ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ލިބިފައި ނެތްކަން ވަގުތީ ރިޕޯޓުން އެނގޭ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ފައިނަލް ރިޕޯޓް ލިބުމަށް ދެމަސް ދުވަސްވަރު ނަގާނެ ކަމަށެވެ.

އަޒްހާންގެ މަރާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެމުން ފުލުހުން ބުނެފައިވަނީ އަޒްހާން އޮތް ސަރަހައްދުން ކުނިވަސް ދުވާތީ އެއްވެސް ފަރާތަކުން ފުލުހުންނަށް ރިޕޯޓެއް ކޮށްފައި ނުވާ ކަމަށެވެ. އަދި ހަށިގަނޑު ފެނުނީ ފުލުހުންނަށް ލިބެމުންދިޔަ މައުލޫމާތުގެ އަލީގައި ކުރިއަށްގެންދިޔަ އޮޕަރޭޝަންގެ ތެރެއިން ކަމަށެވެ.

ފުލުހުން ބުނެފައިވަނީ އަޒްހާންގެ ހަށިގަނޑު ފެނުނުއިރު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށާއި، ކާކުކަން ނޭންގޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ. އަދި ހަށިގަނޑު ފެނުނު ތަނުގައި އޮތީ ކަށިތަކެއް ކަމަށްވެސް ވަނީ ބުނެފައެވެ.

މި މައްސަލައިގައި އެއްވެސް ފަރާތެއްގެ މައްޗަށް ތުހުމަތެއް އަދި ނުކުރެވޭ ކަމަށާއި، ކަންކަން ސާފުކުރުމުގެ މަސައްކަތް ކެނޑި ނޭޅި ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ ސޯޝަލްމީޑިއާގައި އަޒްހާންގެ ފޮޓޯކަމަށް ބުނާ ފޮޓޯއަކާއި ލިންކެއް ދައުރުކުރަމުންދާ ކަމަށެވެ. އެެހެންނަމަވެސް އެއީ އަޒްހާންގެ ފޮޓޮއެއް ނޫން ކަމަށާއި އެ ލިންކަކީ ސްކޭމެއްގެ ލިންކު ކަމަށެވެ.