އަންހެން ދެ ފުލުހަކަށް އަނިޔާކުރި މައްސަލައެއް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބަަލަން ފަށައިފިއެވެ.

Ads by Asuru

ފުލުހުން ބުނީ އެ ދެ ފުލުހުންނަށް އަނިޔާ ލިބިފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ އައްޑޫ ސިޓީ ހުޅުދޫގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށާއި، އެގޮތުން އައްޑޫގައި ވައްކަމާއި މަސްތުވާތަކެތި އަދި ޖަމާއަތް ހަދައިގެން ކުށްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އޮޕަރޭޝަނުގެ ތެރެއިން މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމީދޫގައި ފުލުހުން ޕެޓްރޯލް ކުރަމުންދިޔައިރު މަގުމަތިން ފެނުނު 37 އަހަރުގެ ފިރިހެނެއްގެ ހަރަކާތްތައް ހުރި ގޮތުން މަސްތުވެގެން ހުރި ކަމަށް ތުހުމަތު ކުރެވޭތީ ހުއްޓުވައި ސުވާލުކޮށްފައިވާ ކަމަށެވެ.

އޭނާއާ ސުވާލު ކުރަމުންދިޔައިރު 35 އަހަރުގެ އަންހެނަކު ފުލުހުންނަށް މައުލޫމާތު ދޭން ނުޖެހޭނެ ކަމަށް ބުނެ ފުލުހުންނާ އަދި ހުއްޓުވި 37 އަހަރުގެ މީހާއާ ދެމެދަށް ވަދެ ފުލުހުންގެ ވާޖިބަށް ހުރަސްއެޅޭ ގޮތަށް މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެފިރިހެން މީހާ ޕޮލިސް ސްޓޭޝަނަށް ގެނައުމުން އެ އަންހެން މީހާ އިތުރު އަންހެނަކާއެކު ޕޮލިސް ސްޓޭޝަނަށް ވަދެ، އެ ފިރިހެން މީހާ ދޫކޮށްލުމަށް ބުނެ އަޑުގަދަކޮށް މަސްލަހަތު ނަގާލަން މަސައްކަތް ކުރި ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަދި މި އަމަލު ހުއްޓުވައި ސުލްހަވެރިކަމާއެކު ޕޮލިސް ސްޓޭޝަނުން ބޭރަށް ނިކުތުމަށް އެ ދެ އަންހެނުންނަށް އެންގުމުން އެކަމަށް އިންކާރުކޮށްފައިވާތީ ފުލުހުންނަށް ލިބިދޭ ގާނޫނީ ބާރުގެ ދަށުން އެ މީހުން ޕޮލިސް ސްޓޭޝަނުން ނެރުމަށް މަސައްކަތް ކުރި ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

ފުލުހުން ވަނީ އެމީހުން ނެރުމަށް މަސައްކަތް ކުރި އަންހެން ފުލުހުންގެ ގަޔަށް އަތްލައި ހަމަނުޖެހުން ހިންގާފައިވޭ. މިކަމުގެ ތެރެއިން އަންހެން ދެ ފުލުހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށްވެސް މައުލޫމާތު ދީފައެވެ.

ފުލުހުން ވަނީ ވާޖިބަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލަ ބަލާނެ ކަމަށް ބުނެފައެވެ. އަދި މިކަމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ މައުލޫމާތު ހޯދައި ކަން ހިނގާދިޔަ ގޮތް ބަލާނެ ކަމަށްވެސް ވަނީ ބުނެފައެވެ.