Ads by Asuru

ވިލިމާލެ ކޮމިޔުނިޓީ ގާޑްން ގައި މަސައްކަތްކުރާ ފަރާތްތަކުގެ ކަންބޮޑުވުންތަކާއި ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު މުޢިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން މަސައްކަތްކުރަނީ އަބަދުވެސް ރައްޔިތުންނާއެކީގަ، ރައްޔިތުންބޭނުންވާ ކަންތައްތައް އަޑުއަހައިގެން އެންމެ ރަނގަޅު ހައްލު ގެނެސްދެވޭނެ ގޮތެއްބަލައިގެން ކަމަށާއި، އެގޮތުން މި އަދާ ހަމަޔަށްއައި އިރު މިމައްސަލައިގަވެސް ކުރިއަށްދަނީ ހަމަ އެގޮތުގެ މަތިންކަމަށެވެ.

އަޅުގަނޑުމެން މާލެ ސިޓީ ކައުންސިލުން މަސައްކަތްކުރަނީ އަބަދުވެސް ރައްޔިތުންނާއެކީގަ، ރައްޔިތުންބޭނުންވާ ކަންތައްތައް އަޑު އަހާ، އެންމެ ރަނގަޅު ހައްލު ގެނެސްދެވޭނެ ގޮތެއްބަލައިގެން، ރައްޔިތުންނަށް ފައިދާވާގޮތަކީ ކޮބައިތޯ ބަލައިގެން، އެގޮތަކަށް މި އަދާ ހަމަޔަށްވެސް މަސައްކަތްކުރަމުން އައި. މިމައްސަލައިގަވެސް ކުރިއަށްދަނީ ހަމަ އެގޮތުގެ މަތިން.

މޭޔަރު ވިދާޅުވީ ވިލިމާލެ ކޮމިޔުނިޓީ ގާޑްން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައިވެސް މިތަނުން އެހެން ތަނަކަށް ބަދަލުވާންޖެހޭ ކަމަށް ދެންނެވިފައިވާކަމަށާއި، މިއީ ވަގުތީ ތަނެއް ކަމަށްވެސް އޭރު ދެންނެވިފައިވާނެ ކަމަށެވެ. އަދި ވަގުތީގޮތުން މިހާރުތިބި ތަނުގައި ތިބެން ޖެހުނު ކަމުގައިވިޔަސް އެ މަސައްކަތްކުރާ ފަރާތްތައް މަގުމަތި ނުކުރާނެ ކަމުގެ ޔަޤީންކަން މޭޔަރު މުޢިއްޒު ވަނީ ދެއްވާފައެވެ. އަދި މިއީ އެއްވެސް ވަރަކަށް ނޭނގި ކުއްލިއަކަށް އައި ކަމެއް ނޫން ކަމަށާއި،ވިލިމާލޭގައި ބޭއްވުނު 3 ބައްދަލުވުމެއްގައި މިކަމާއި ގުޅިގެން ބައެއް މަޝްވަރާތައް ކުރެވިފައިވާކަން މޭޔަރު ފާހަގަކުރެއްވެވިއެވެ.

ކޮމިޔުނިޓީ ގާޑެން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައިވެސް އަޅުގަނޑު ދެންނެވިން މިތަނުން އެހެން ތަނަކަށް ބަދަލުވާންޖެހޭ ކަމަށާއި، މިއީ ވަގުތީ ތަނެއް ކަމަށް، ވަގުތީގޮތުން މިތަނުގައި ތިބެން ޖެހުނު ކަމުގައިވިޔަސް އަޅުގަނޑުމެން ތިބޭފުޅުން މަގުމައްޗެއް ނުކުރާނަމޭ، ރަނގަޅު ހައްލެއް ގެނެސްދޭނަމޭ. 

މީގެ އިތުރުން މޭޔަރު ވިދާޅުވީ މިހާރު ވިލިމާލެ ކޮމިޔުނިޓީ ގާޑްން ހިންގާ ސަރަޙައްދަކީ ފުރަތަމަ ވިލިމާލޭގެ ޕްލޭން ހެދުނުއިރުވެސް ހައުސިންގް މަޝްރޫޢުއަށް ކަނޑައެޅިފައިވާ ސަރަޙައްދުކަމަށާއި، އެތަނަކީ އެކަމަށް ޚާއްސަކުރެވިފައި އޮތްތަނެއް ކަމަށެވެ. އަދި މިއީ ކުއްލިއަކަށް އައިކަމެއްނޫންކަން ފާހަގަ ކުރައްވަމުން މޭޔަރު ވިދާޅުވީ މީގެ ކުރިން ވިލިމާލޭގެ ރައްޔިތުންނާއިއެކު ބޭއްވުނު 3 ބައްދަލުވުމުގައިވެސް އެތަނަކީ ހައުސިންގް ޕްރޮޖެކްޓަށް ހުރި ތަނެއް ކަމުގައި ދަންނަވާފައިވާނެ ކަމަށެވެ. އަދި އެތަނުގައި500 ހައުސިންގް ޔުނިޓް ނުވަތަ އެއަށްވުރެ ގިނައިން އަޅާނަމަވެސް 60 ހާސް އަކަފޫޓޫ މަދުވެގެން ބޭނުންވާ ކަމަށެވެ.

ވިލިމާލެ ރައްޔިތުންނަށް އެންމެ މުހިންމު އަދި އެންމެބޮޑަށް ދަތިވެފައިވާ އެއްކަމަކީ ގެދޮރުގެ މައްސަލަ. މިހުރިހާ އަހަރުތައް މިދަނީ އެކަމަށް އެއްވެސް ހައްލެއް ނުގެނެވި، އަޅުގަނޑުމެން ވަރަށް ގިނަ މަސައްކަތްއެބަކުރަން މިކަމަށް ހައްލެއް ގެނައުމަށް. އެކަމުގައި ހަމަ ޔަޤީން ތިބޭފުޅުންވެސް ބޭނުންވާނީ ހައުންސިގް ލިބޭނެ ގޮތެއްވާން. އެއްގޮތަކަށްވެސް ތިބޭފުޅުން މަގުމަތިކުރުމަށް ނުވަތަ ބާކީކޮށްފާނެ ކަމުގެ އެއްވެސް ކަންބޮޑުވުމެއް ނުގެންގުޅުއްވާށޭ.

މި ބައްދަލުވުމުގައި ކޮމިޔުނިޓީ ގާޑްންގައި މަސައްކަތްކުރައްވާ ފަރާތްތަކުން ހުށަހެޅުއްވި ކަންބޮޑުވުންތައްވެސް ބަލައިގަންނަކަމަށާއި، އަމާޒަކީ އެކަމަށް ހައްލެއް ގެނައުންކަމުގައި މޭޔަރު ވިދާޅުވިއެވެ. މިއާއިއެކު މޭޔަރު ވިދާޅުވީ ކޮމިޔުނިޓީ ގާޑްންގައި މަސައްކަތްކުރައްވާ ފަރާތްތަކަށް އެއްވެސް ދައްޗެއް ކުރިމަތިވެފައިވާނަމަ،އެކަމަށް އަވަސް ހައްލެއް ގެނައުމަށް ކައުންސިލުން މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން މޭޔަރު ވަނީ ދެއްވާފައެވެ.

ވިލިމާލެ ކޮމިޔުނިޓީ ގާޑްން ގައި މަސައްކަތްކުރާ ފަރާތްތަކާއިއެކު ކުރިއަށްދިޔަ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން.

ކޮމިޔުނިޓީ ގާޑްން މިހާރު ހުރިތަނުން ދެން ބަދަލުކުރާނީ ކޮންތަނަކަށްތޯވެސް ނިންމާނީ މަޝްވަރާކުރުމަށްފަހުގައި ކަމަށާއި، އިޚްތިޔާރު ކުރައްވަން ވާނީ އެންމެ ރަނގަޅު އެއް ސަރަޙައްދު ކަމަށް މޭޔަރުވިދާޅުވިއެވެ. އަދި މިތަން ހެދުމަށް ކުރަންޖެހޭ އެންމެހާ ޚަރަދު ކުރާނީ މާލެ ސިޓީ ކައުންސިލުން ކަމަށާއި، އެތަނުގައި މަސައްކަތްކުރާ ފަރާތްތަކުގެ ޖީބުން މިކަމަށް އެއްވެސް ޚަރަދެއް ކުރަން ނުޖެހޭނެކަން މޭޔަރުވަނީ އޮޅުންފިލުވައި ދެއްވާފައެވެ.

މޭޔަރު ވިދާޅުވީ ކައުންސިލްގެ އަމާޒަކީ ވިލިމާލެ ކޮމިޔުނިޓީ ގާޑްން އިތުރައް ތަރައްޤީކުރުމަށް އެފަރާތްތަކަށް އެހީތެރިވާން ކަމަށާއި، މަސައްކަތް ކުރައްވާ ފަރާތްތަކުންވެސް ބޭނުންވެލައްވާނީ މިކަން އިތުރަށް ފުޅާވެގެން ދިއުމަށް ކަމަށެވެ. މިއާއިއެކު މޭޔަރު ވިދާޅުވީ ކައުންސިލްގެ ”އެއްލައްކަ ގަސް“ ޕްރޮގްރާމްގެ ސަބަބުންވެސް ކޮމިޔުނިޓީ ގާޑްން އަށް ފައިދާލިބިގެންދާނެ ކަމަށެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ވިދާޅުވީ ދާއިރާގެ ރައްޔިތުން ބޭނުންވަނީ މިފަރާތްތަކާއިއެކު ކައުންސިލްގެ ކުރިއަށްއޮތް 4 އަހަރަށް ކަނޑައެޅޭނެ އެއްބަސްވުމެއް ހެދިގެން ދިއުންކަމަށެވެ. އަދި މި ގާޑްން ބަދަލުކުރާއިރު، މިހާރު ހުރި ލޮކޭޝަންއަށްވުރެ ރަނގަޅު ލޮކޭޝަންއަކަށް ބަދަލުކޮށްދެއްވުމަކީވެސް އެދިވަޑައިގަންނަވާ ކަމެއްކަމަށެވެ.

ކޮމިޔުނިޓީ ގާޑްން އެހެންތަނަކަށް ބަދަލުކުރުމާއި ގުޅޭގޮތުން އެތަނުގައި މަސައްކަތްކުރާ ފަރާތްތަކުން ބުނެފައިވަނީ މިހާރު ތިބި ޖާގައަށްވުރެ ތަނަވަސް ޖާގައަކަށް ބަދަލުވެގެން ދިއުމަކީ އެފަރާތްތަކުގެވެސް އުންމީދެއްކަމަށެވެ.

މިބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މާލެ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރުގައެވެ. މި ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރާއި ވިލިމާލެ ދާއިރާގެ ކައުންސިލަރުގެ އިތުރުން ސިޓީ ކައުންސިލްގެ ގަސް ކޮމެޓީގެ ޗެއަރމަން ކައުންސިލަރު އަބްދުﷲ ނާޞިރުވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ތަރައްޤީކޮށްފައިވާ ”ވިލިމާލެ ކޮމިއުނިޓީ ގާޑްން“ ރަސްމީކޮށް ހުޅުވާފައިވަނީ 22 މާރޗް 2022 ގައެވެ.

މި ގާޑްން ހުޅުވައި ދެއްވާފައިވަނީ މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު އާއި ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ ޢަލީ އެވެ.

ވިލިމާލެ ކޮމިއުނީޓީ ގާޑްން ގައި އެކި ބާވަތްތަކުގެ މޭވާއާއި ތަރުކާރީ އަދި މާމެލާމެލީގެ ގަސްތައް ހުރިއިރު އެ ބަގީޗާގައި ހުންނަ 30 ގޮޅި އާންމުންނަށް ވަނީ ދޫކޮށްފައެވެ. މި ކޮމިއުނިޓީ ގާޑްންގެ ބޭނުމަކީ ކަނބަލުންނާއި ޒުވާނުން އިޤްތިސާދީ ގޮތުން ބާރުވެރިކުރުން ކަމުގައި މޭޔަރު މުޢިއްޒު މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ.

ވިލިމާލެ ކޮމިއުނިޓީ ގާޑްން ދޫކޮށްފައިވަނީ ވިލިމާލޭގައި ރަށްވެހިވެފައިވާ ފަރާތްތަކަށެވެ.