ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މިހާރު ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ.ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑުކިޔުއްވައި ވިދާޅުވީ ރައީސްގެ ތަގުގީރުން މުހިއްމު ތިން ކަމެއް ފާހަގަކުރެވުނު ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ތިން ކަމަކީ ޤާނޫނުއަސާސީގެ 115 ގައި ބުނާ، ޤާނޫނާ އެއްގޮތަށް ކަންތައް ކުރުމާ ޚިލާފުވެފައިވާކަމާއި ޤާނޫނުއަސާސީގެ 251 ގައި ބުނާ ބޭރު ފަރާތްތަކަށް ނުދިނުމާ ޚިލާފްވެފައިވުގެ އިތުރަށް ކުރައްވާފައިވާ ހުވަޔާ ވެސް ހިލާފުވެފައިވުމެވެ.
ރައީސް ސޯލިހު ރޭ ދެއްކެވި ވާހަކައިގައި ވިދާޅުވީ ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުމެއް ލިބޭ ފަދަ ނިންމުމެއް ސަރުކާރުން ނުނިންމާނެ ކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވިއިރު، މިހާރު ރާއްޖޭގައި އެންމެ ހޫނުކޮށް ދެކެވެމުން އަންނަނީ، ޗާގޯސް މައްސަލައިގައި ސަރުކާރުގެ ސްޓޭންޑް ކުއްލިއަކަށް ބަދަލު ކުރި ވާހަކައެެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވިނަމަވެސް، މިވެރިކަމުގައި ރާއްޖޭގެ ސިޔާދަތާއި، މިނިވަންކަމަށް ބުރޫ އަރާ އެތައް ކަމެއް، މިވެރިކަމުގައި ކޮށްފައިވާ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެެއެވެ. އޭގެތެރެއިން އެންމެ ބޮޑަށް ދެކެވޭ ވާހަކަ އަކީ، ރާއްޖެއިން އިންޑިއާ ސަރުކާރާއެކު ހަދާފައިވާ ސިއްރު އެއްބަސްވުންތަކުގެ ވާހަކައެވެ.
