މިދިޔަ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ހުޅުމާލެ ފޭސް ދޭއްގައި 500 އެނދުގެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް މި އަހަރު ފައްޓަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވި ގޮތުގައި، އެތައްހާސް ރައްޔިތުން އުޅޭ ހުޅުމާލެ ފޭސް 2ގެ ހޮސްޕިޓަލުގެ މަސައްކަތް މި އަހަރުގެ މެދުތެރޭގައި ފަށާނެއެވެ.
”މި އަހަރު، މާލެ ސަރަހައްދުގައި ޞިއްޙީ ދާއިރާއިން ފެށޭނެ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ވިލިމާލޭގައި ގާއިމުކުރާ 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތް ހިމެނޭ. އަދި ހުޅުމާލެ ފޭސް 2 ގައި 500 އެނދުގެ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލެއް ޤާއިމުކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މި އަހަރުގެ މެދުތެރޭގައި ފަށާނަން.“ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް ބޭނުންވާ ރޭޑިއޭޝަން ޗެމްބަރ ގާއިމުކުރުން ހިމެނޭހެން، ކެންސަރު ބަލީގެ ހިދުމަތަށް ހާއްސަ ޑައިގްނޯސްޓިކް ސެންޓަރެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތްވެސް މި އަހަރު މެދުތެރޭގައި ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ހުޅުމާލެ ހޮސްޕިޓަލްގެ އެކްސްޓެންޝަންގެ ގޮތުގައި، 250 އެނދުގެ މަލްޓި-ސްޕެޝަލްޓީ ޓަރޝަރީ ހޮސްޕިޓަލެއް ބިނާކުރުމުގެ މަސައްކަތްވެސް މި އަހަރު މެދުތެރޭގައި ފެށިގެންދާނެ ކަމަށެވެ.
”މީގެއިތުރުން، ހުޅުމާލެ ހޮސްޕިޓަލްގައި އިތުރު އެމްއާރުއައި މެޝިނަކާއި، ޔޫރޯޑައިނަމިކް ހިދުމަތާއެކު، ޔޫރޮލޮޖީގެ ހިދުމަތް ފެށުމާއި، އެންޑޯސްކޯޕީ ސުއީޓަކާއެކު، ގޭސްޓްރޯއެންޓްރޮލޮޖީގެ ޚިދުމަތް ފެށުން އަދި އޯޕީޑީ އަދި އީއީޖީ ހިދުމަތް ހިމެނޭހެން، ނިއުރޮލޮޖީގެ ހިދުމަތް ފެށުމާއި، ސީއެކްސްއެލް ސަރޖަރީ ތައާރަފްކޮށް، އޮފްތަލްމޮލޮޖީގެ ހިދުމަތް ފުޅާކުރުމާއި، ޑެންޓަލް ލެބޯރެޓެރީއެއް ގާއިމުކުރުން، މި އަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނަން.“ ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހޮސްޕިޓަލެއް އެޅުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފައިވެއެވެ.
2022 ވަނަ އަހަރުގެ ޖޫން މަހުގައި، އެމްޓީީސީސީގެ ”ރާއްޖެ ޓްރާންސްޕޯޓް ލިންކް“ ގެ ބަހުގެ ހިދުމަތް ރަސްމީކޮށް ދެވަނަ ފިޔަވަހީގައި ފެށުމުގެ މުނާސަބަތުގައި ސޯލިހު ވިދާޅުވީ، އެ ތަނުގައި ހޮސްޕިޓަލެއް އަޅާނެ ކަމަށެވެ.
”ސިއްހީ ހިދުމަތް ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ފްލެޓް ތަކުން ދިނުމަށްޓަކައި ތިން ކްލިނިކާއި ތިން ފާމަސީގެ ހިދުމަތް ދިނުމަށް ސަރުކާރުން ނިންމާފައިވޭ. އަދި އޭގެ އިތުރުން ހުޅުމާލެ ފޭސް ދޭއްގައި އިތުރު ހޮސްޕިޓަލަކާއި އިތުރު ސިއްހީ ހިދުމަތްދޭ ވަސީލަތްތައް ގާއިމުކުރުމަށް ދަނީ މަސައްކަތް ކުރަމުން،“ ސޯލިހު އޭރު ވިދާޅުވިއެވެ.

