ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދިވެހި ކޮންމެ ގޭބިސީއަކަށް ދޫކުރާ މަސްދަޅު ކޭސް، މާލެ ސަރަޙައްދުގައި ދޫކުރުން މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާގޮތަށް ހަމަޖެހިއްޖެއެވެ.

މިގޮތުން މަސްދަޅު ކޭސް ދޫކުރުން ކުރިއަށްދާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެޔަކު 8:30 އިން 11:00 އަށެވެ.

މާލެ ސަރަޙައްދުގައި ޖުމްލަ 14 މަރުކަޒަކުން މަސްދަޅު ކޭސް ދޫކުރަމުންދާއިރު، މިހާތަނަށް 43,923 ގޭބިސީއަކަށް ވަނީ ކޭސް ދޫކޮށްފައެވެ.

މާލެ ސަރަޙައްދުގައި ރަޖިސްޓްރީ ކޮށްފައިވާ 65,230 ޑޮމެސްޓިކް މީޓަރަށް ކޭސް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

މަސްދަޅު ކޭސް ބަލައި ދިއުމުގެ ކުރިން https://roadhahadhiya.mv/dv ޕޯޓަލް މެދުވެރިކޮށް ޓޯކަން ނަގަންޖެހެއެވެ.

ކޮންމެ ރެއަކު 300 ޓޯކަންއަށް ކޭސް ދޫކުރާއިރު، ފަހު ވަގުތަށް މަޑުނުކޮށް ވީހާވެސް އަވަހަށް މަސްދަޅު ކޭސްތައް ބަލައި ދިޔުމަށް ސަރުކާރުން އެދެއެވެ.

އަތޮޅުތެރޭގެ ރަށްރަށުގައި މި މަސައްކަތް ކުރިއަށް ގެންދަނީ އެ ރަށެއްގެ ކައުންސިލްތަކުންނެވެ.