ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކީގައި ބޭއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ މުއްދަތަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ ފާސްކުރި ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފިއެވެ.

އެ ބިލު ފާސްކުރި ވޯޓްގައި ބައިވެރިވަޑައިގަތް 72 މެންބަރުންގެ ވޯޓާ އެކީގައެވެ.

ވޯޓުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ބައިވެރިވެވަޑައިގަތެވެ.

ބިލަށް ވޯޓަށް އެހި އިރު، ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓް ދެއްވީ އެންމެ މެމްބަރެކެވެ.

އެއީ މިނިވަން މެންބަރެއްގެ ގޮތުގައި ހުންނެވި އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހުމާން (އައްދު)އެވެ.

އަދި ވޯޓަށް އެހީ އިތު، އެމްޑީޕީގެ ފަސް މެންބަރެއްގެ ނަން އިއްވައި ޖަލްސާއިން ބޭރުކޮށްފައިވާ އިރު، ބާކީ ތިއްބެވި އެ ޕާޓީގެ މެންބަރުން ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.

ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވަންޖެހޭ އިންތިހާބުތައް އެކުގައި ބާއްވަން ކަނޑައެޅުމަށް ހުށަހެޅުއްވި ބިލެކެވެ.

އަދި ބިލާއެކު މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު އިސްލާޙު ކުރެވޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

ބިލުގައިވާ ގޮތުން މަޖިލީހުގެ އިންތިހާބު ކުރިއަށް އޮތްތަނުގައި ބާއްވާނީ، ޤާނޫނުއަސާސީގެ 110 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވާ އިންތިހާބާ އެކީގައެވެ.

އަދި މަޖިލީހުގެ އުމުރަކީ، ޑިސެންބަރު މަހުގެ 1 އިން ފެށިގެން 5 އަހަރު ދުވަހުގެ މުއްދަތެއް ކަމަށާއި، އެ މުއްދަތު ހަމަވުމުން މަޖިލިސް އުވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

މިހާރު ހިނގަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވެގެން މަޖިލިސް އުވުމާއެކު އަލަށް އިންތިހާބު ކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ވާނީ، ޑިސެންބަރު މަހުގެ 1 ވަނަ ދުވަހު ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

އަދި ދެން އެންމެ އަވަހަށް މެންބަރުން ހޮވުމަށް އިންތިހާބެއް ބާއްވަން ވާނީ، އިސްލާހުތަކާ އެއްގޮތަށް ކަމަށް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އުމުރު 1 ޑިސެންބަރު 2028 އަށް ހަމަވާނެ ކަމަށާއި، އެ ތާރީހަށް އިންތިހާބު ބާއްވައި މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭނެ ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

މިއާއެކު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރު ވެގެންދާނެއެވެ.

މިހާރު ގާނޫނު އަސާސީގައިވާ ގޮތުން 20 ވަނަ މަޖިލީހުގެ އުމުރު ހަމަވާނީ 2029 ގައެވެ.