އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީވާން ހުޅުވާލައިފިއެވެ.
އިލެކްޝަން ކޮމިޝަން (އީސީ) ބުނީ އެ ފުރުސަތު ހުޅުވައުލީ މިއަދު ހެނދުނު 10:00 އިން މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު ފަހު 3:00 އާ ހަމައަށް ކަމަށެވެ.
އީސީން ބުނި ގޮތުގައި އެ މުއްދަތުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024 ގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީވާން ބޭނުންވާ ފަރާތްތައް އެކަންޏެވެ.
އަދި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރިސޯޓެއްގައި ނުވަތަ ސިނާއީ މަސައްކަތްކުރާ ރަށެއްގައި ނުވަތަ ޖަލުގައި ނުވަތަ ރާއްޖެއިން ބޭރުގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ މީހުން މި އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި އެ މީހެއްގެ ވޯޓުލާ ތަންކަމަށް ރަޖިސްޓަރީވެފައިވާނީ އެމީހެއްގެ ދާއިމީ އެޑްރެސް ކަމަށް އީސީ އިން ބުންޏެވެ.
އީސީ އިން ބުނީ ރީ-ރަޖިސްޓަރީވާން އެދި ހުށަހަޅާނީ އެ ކޮމިޝަންގެ ”ރީ-ރަޖިސްޓްރޭޝަން ޕޯޓަލް“ ނުވަތަ މައި ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުން ކުރެވޭ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ކޮޕީއެއް އަދި ހުށަހަޅާ މީހާގެ ފޮޓޯ ހުށަހަޅަން ޖެހެއެވެ.
”މައި ޕޯޓަލް“ މެދުވެރިކޮށް ފޯމު ހުށަހެޅޭނީ ހަމައެކަނި ވެރިފައިޑް އީފާސް އެކައުންޓަކުންނެވެ.
އަދި އެގޮތަށް ހުށަހަޅާ އިރު، ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ މީހާގެ ފޮޓޯ އާއި އައިޑީ ކާޑުގެ ކޮޕީ ހުށަހަޅާކަށް ނުޖެހޭނެއެވެ.
މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު، ޗެކްކު ކުރުމަށް VR (Space) NID ޖެއްސެވުމަށް ފަހު 1414 ފޮނުވުމުން ޗެކްކުރެވޭނެއެވެ.

