ކަނޑުމަގުން ދިވެހިރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ހަޝިޝް އޮއިލް، މޯލްޑިވްސް ކަސްޓަމްސް ސަވިސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސް އިން އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ އެ ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 29 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.
ކަސްޓަމްސްއިން ބުނީ އެ ތަކެތި ފެނިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު މާލޭ ވިޔަފާރިވެރިންގެ ބަނދަރަށް ގެނައި މުދާ ޝިޕްމަންޓެއް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
އެ ތަކެތި ތަހުލީލު ކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލްއަށް ވަނީ ޕޮޒިޓިވްވެފައިކަމަށް ކަސްޓަމްސް އިން ބުންޏެވެ.
އަތުލައިގަނެވުނު އެ ޝިޕްމަންޓުގެ ބަރުދަނުގައި ޖުމްލަ 36.43 ކިލޯގްރާމް ހުރި އިރު، އެ ތަކެތި ހުރީ ކުދި ރަބަރު ޕެކެޓުތަކެއްގައި ބަންދުކޮށްފައިކަމަށް ކަސްޓަމުން ބުންޏެވެ.

