ކުވޭތު ފަންޑުގެ އެހީގައި ރާއްޖޭގެ ހަތް ރަށެއްގައި ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދުމަށް އަލުން އިއުލާނުކޮށްފިއެވެ.

Ads by Asuru

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައިވާ ގޮތުން ކުވޭތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ)ގެ އެހީގައި އިމާރާތްކުރަނީ 30 އެނދުގެ ހޮސްޕިޓަލްތަކެކެވެ.

ކުވޭތު ފަންޑުގެ އެހީގައި ހޮސްޕިޓަލް އެޅުމަށް މީގެ ކުރިންވެސް އިއުލާނުކުރި އެވެ. ނަމަވެސް އެ ހޮސްޕިޓަލްތަކަށް ހުށަހެޅި ބީލަންތަކުގެ އަގު ބޮޑުވުމުގެ ސަބަބުން އަލުން ބީލަމަށްލުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިގޮތުން ހޮސްޕިޓަލު އަޅާ ރަށްތަކަކީ ހދ.ހަނިމާދޫ، ށ.މިލަންދޫ، ނ.ވެލިދޫ، ކ.ތުލުސްދޫ، އދ.މާމިގިލި، ވ.ފެލިދޫ އަދި ތ.ވިލުފުއްޓެވެ.

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން 35،000 ޑޮލަރުގެ ބިޑް ސެކިއުރިޓީއެއް ބަހައްޓަން ޖެހެއެވެ.

މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށް ގެންދަން ނިންމާފައިވަނީ ބައިނަލްއަގްވާމީ ވާދަވެރި ބިޑުކުރުމުގެ އުސޫލުގެ ތެރެއިންނެވެ.

ބީލަންތައް ކުރިއަށްދާނީ ޕްލޭނިން މިނިސްޓްރީގެ އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދާއި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރުން ކުރިއަށް ގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލުގެ އިތުރުން އިކޮނޮމިކް މިނިސްޓްރީގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީއާ އެގޮތަށެވެ.

މަޝްރޫއުގެ ބިޑު ހުޅުވުން އޮންނާނީ ޑިސެމްބަރު ހަތްވަނަ ދުވަހުއެވެ.