އިގްތިސާދީގޮތުން މިހާތަނަށް ކުރިމަތިވި ދަތިތަކުން އަރައިގަނެވި، މިހާރު އިގްތިސާދީ ކުރިމަގު ފެންނަނީ އުންމީދީ ގޮތެއްގައި ކަމުގައި ރައީސް އިބްރާހީމް މުހަައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 55 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ގައުމާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސްހެ ވާހަކަފުޅުގައި ކޯވިޑް 19 އާއި އަދި އޭގެ ފަހުން ކުރިމަތިވި ރަޝިޔާ ޔޫކްރޭން ހަނގުރާމައިގެ ސަބަބުން، އިގްތިސާދީ ގޮތުން ރާއްޖެ ވެއްޓުނު ފުންވަޅުގަނޑުން، ސަރުކާރާ ރައްޔިތުންގެ މަސައްކަތުން އަރައިގަނެވިފައިވާކަން ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް މިއީ މުޅި ދުނިޔެއަށްވެސް ދަތިދުވަސް ވަރެއްކަމުގައިވާތީ ރާއްޖެއަށް ވެސް އޭގެ އަސަރުތައް ކުރަމުންދާކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ މިކަންކަމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރަށްވުރެ ބޮޑީ ސިޔާސީ ބޭނުމަށްޓަކައި، ރާއްޖެ ބަނގުރޫޓްވެ ، އިޤްތިޞޯދު އިނދަޖެހި ރައްޔިތުން ބިކަވެއްޖެ ކަމުގެ ބިރު ރައްޔިތުންނަށް ދެއްކުމަށް ފަތުރަމުންދާ އަޑުތަކުގެ ސަބަބުން ކުރާ އަސަރުތައްކަމުގައެވެ.

ރައީސް  ވަނީ ޚަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި އިސްކަންދީފައިވާކަން ފާހަގަކުރައްވާފައެވެ.

އެހެންނަމަވެސް މިކަންކަން ކުރާނީ ރައްޔިތުންނަށާއި އިގްތިސާދަށް އޭގެ ސަބަބުން ކުރާނެ ނޭދެވޭ އަސަރު އެންމެ ކުޑަވާނެގޮތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ފާއިތުވި 4 އަހަރުގެ ތެރޭގައި އިގްތިސާދީ ހަރަކާތްތައް ކުރިޔަށްގެންދިއުމާއި އެދާއިރާއިން ހާސިލުކުރެވިފައިވާ ބައެއް ކުރިއެރުންތަކަށްވެސް އަލިއަޅުވާލެއްވިއެވެ.

އެގޮތުން ފާއިތުވި 4 އަހަރުގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އުފެދި ތަރައްގީ ވުމަށް ފަހި މާހައުލެއް ގާއިމްކޮށްދެވިފައިވާކަމާއި ވިޔަފާރިތައް ރަޖިސްޓްރީކުރުމާއި ހިންގުމުގައި ހުރި އިދާރީ ހުރަސްތައް، ކުޑަކުރެވި މި ނިޒާމް ޑިޖިޓައިޒް ކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.