ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޑުޖައްސާލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވާފައިވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

Ads by Asuru

ނަޝީދު ރައްޔިތުންގެ މަޖިލިސް ހިންގަވާ ގޮތާއި މެދު ހިތްޖަމަޖެހިވަޑައިނުގެން އެމްޑީޕީ އިސް މެމްބަރުންތަކެއް މިއަދު ވަނީ، މުލިއާ ގޭގައި ރައީސް ސޯލިހާއި ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުވުމާ ގުޅޭގޮތުން ރާއްޖެ ޓީވީއަށް، ޝަރީފް ވިދާޅުވީ މީގެކުރިން ވެސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ހުށަހަޅަން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ނަޝީދަކީ އެމްޑީޕީގެ ރައީސަށް ވެފައި ޕާޓީގެ މަސްލަހަތަށްޓަކާ އެކަން ނުކުރުމަށް ރައީސް ސޯލިހު އެދިވަޑައިގެންނެވުމުން، އެކަން ނުކުރެއްވީ ކަމުގައެވެ.

ޝަރީފު ވަނީ ރައީސް ސޯލިހުގެ ފެކްޝަނުގެ މެމްބަރުންގެ އަތްޕުޅުގައި 44 ސޮއި އެބައޮތް ކަމަށާއި، ނަޝީދު ބޭރު ކުރުމަށް އެއަށްވުރެވެސް ގިނަ ވޯޓު ލިބޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސްގެ އެދިވަޑައިގަތުމާއެކު އެކަމަށް ކެތްކޮށްލައިގެން ތިއްބެވީ ކަމަށެވެ. ނަމަވެސް މިއަދު އަނެއްކާވެސް ރައީސްގެ އަރިހަށް ވަޑައިގެންނެވީ އެކަމަށް ކެތް ނުކުރެވިގެން އެ ވާހަކަ ދަންނަވަން ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.