އަންނަ އާދީއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި އަހަރުގެ ފީފާ ވޯލްޑް ކަޕް ބޭއްވުމަށް މެދުއިރުމަތީގެ ގައުމެެއް ކަމުގައިވާ ގަތަރުން ތައްޔާރުވަމުން އަންނައިރު،  އެ ގައުމަށް ސަޕޯޓަރުންނާއި ފުޓްބޯޅަ ޓީމުތައް އަންނަން ވަނީ ފަށައިފައެވެ.

Ads by Asuru

މަހެއްހާ ދުވަހަށް ކުރިއަށްދާ މި މުބާރާތުގައި މިލިއަނަކަށް ވުރެ ގިނަ ސަޕޯޓަރުން ގަލްފުގެ ގައުމަށް ޒިޔާރަތް ކުރާނެ ކަމަށް ބެލެވެއެވެ.

އެހެންކަމުން ދުނިޔޭގެ ފުޓްބޯޅައިގެ ”ފްލެގްޝިޕް“ މުބާރާތް ބާއްވަން ގަތަރު ތައްޔާރު ހެއްޔެވެ؟

މި މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ އަށް ސްޓޭޑިއަމްގައެވެ. މެދުއިރުމަތީގައި ދުނިޔޭގެ ތައްޓަށް ކުޅޭ މުބާރާތް ބާއްވާ ފުރަތަމަ ގައުމު ކަމަށްވާ ގަތަރުން ވަނީ ނޮވެމްބަރު އަދި ޑިސެމްބަރު މަހުގެ މި މުބާރާތަށް ސްޓޭޑިއަމްތައް ތައްޔާރު ކުރުމަށް ސީދާ 26،000 އަށް ވުރެ ގިނަ މީހުން ވަޒީފާ ދީފައެވެ.

މި ހަރަކާތަށް އެޑްވާންސް އޯޕަން އެއާ ކޫލިން ޓެކްނޮލޮޖީއާއެކު އާ އެންމެ ޒަމާނީ ހަތް ސްޓޭޑިއަމް ވަނީ ތައްޔާރު ކޮށްފައެވެ.

އަލަށް އިމާރާތްކުރި ތަންތަނުގެ ތެރެއިން އެންމެ ފަހުން ހުޅުވި ދަނޑަކީ މިސްރުގެ ކްލަބް ޓީމް ޒަމަލެކް އާއި ސައުދީ ކްލަބް އަލް އަހްލީ ބައްދަލުކުރި މެޗެއް ސެޕްޓެމްބަރު މަހު ބޭއްވި ލުސައިލް ސްޓޭޑިއަމެވެ.

ގަތަރުގައި ވޯލްޑްކަޕްގެ މެޗުތައް ކުޅޭނެ އެންމެ ބޮޑު އެއް ސްޓޭޑިއަމް—

އަށްޑިހަހާސް މީހުންގެ ޖާގައިގެ ލުސައިލް ސްޓޭޑިއަމަކީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް މުބާރާތް ބާއްވާ އެންމެ ބޮޑު ސްޓޭޑިއަމެވެ.

މީގެ އިތުރުން، 40،000 މީހުންގެ ޖާގައިގެ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމް މިހާރު ވަނީ މަރާމާތުކޮށް އަޕްގްރޭޑްކޮށްފައެވެ.

މި މުބާރާތުގައި ފުޓުބޯޅަ ސަޕޯޓަރުން އަންނާނެ ކަމަށް ބެލެވޭ މިންވަރަށް ގަތަރުގައި އެކޮމޮޑޭޝަން ނެތުމަކީ ކުރިން އޮތް ކަންބޮޑުވުމެކެވެ. ނަމަވެސް ގަތަރުން އެކަމަށްވެސް ތައްޔާރުވެ، އިންތިޒާމުކުރާ ފަރާތްތަކުން ވަނީ މި ބޮޑު މުބާރާތަށް ތައްޔާރުވުމަށް ހޮޓާތަކާއި އެޕާޓްމަންޓްތަކާއި ވިލާތަކާއި އިންފްރާސްޓްރަކްޗާ ހަދާފައެވެ.

 

ވޯލްޑްކަޕްގެ މެޗުތައް ކުޅޭނެ ޚަލީފާ އިންޓަރނޭޝަނަލް ސްޓޭޑިއަމް–

 

ސްޕްރީމް ކޮމިޓީ ފޯ ޑެލިވަރީ އެންޑް ލެގަސީ (އެސްސީ) ގެ ހައުސިން ޑިޕާޓްމަންޓްގެ އެގްޒެކެޓިވް ޑިރެކްޓަރު އުމަރު އަލް ޖަބެރް އަލްޖަޒީރާއަށް ވިދާޅުވީ ވޯލްޑް ކަޕަށް ގަތަރަށް އަންނަ ސަޕޯޓަރުން ތިބެވޭނެ ތަންތަން ވަރަށް ގިނަވާނެ ކަމަށެވެ.

”އަޅުގަނޑުމެންނަށް އެކަށީގެންވާ އެކޮމޮޑޭޝަން އެބަހުރި. އަދި ހަމަ ޔަގީނުން ވެސް އެމީހުންނަށް [ލިބެން ހުރި] އެކޮމޮޑޭޝަންތަކުން އެމީހުން ހޯދަން ބޭނުންވާ ގިނަ ހިދުމަތްތަކެެއްވެސް އިޚްތިޔާރު ކުރެވިދާނެ،“ އަލްޖަބަރު ވިދާޅުވިއެވެ.

އަދި އެކޮމޮޑޭޝަންގެ ކަންބޮޑުވުންތަކަށް ލުޔެއް ދިނުމުގެ ގޮތުން ގޭގެއާއި ކޮޓަރިތައް ކުއްޔަށް ބެހެއްޓުމުގެ ހުއްދަ ވެސް އިންތިޒާމުކުރާ ފަރާތުން ވަނީ ދީފައެވެ.

މީގެއިތުރުން، ކްރޫޒް އުޅަނދުތަކުގަޔާއި، ވޯޓަރ ވިލާތައްވެސް ތައްޔާރު ކުރެވިފައިވާއިރު، ގާތްގަނޑަކަށް 10،000 އެނދުގެ ކޮމްބައިންޑް ކެޕޭސިޓީގެ ތިން ފްލޯޓިން ހޮޓަލުވެސް ދޯހާގައި ވަނީ ބަނދަރުކޮށްފިއެވެ.

މުބާރާތުގެ ކުރިން ގަތަރުން ވަނީ އެގައުމުގެ ޓްރާންސްޕޯޓް ނެޓްވޯކް އަޕްގްރޭޑް ކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއްވެސް ކޮށްފައެވެ.

ހޯސްޓް ކަންޓްރީ ގަތަރުން، މެޓްރޯ ރޭލް ސިސްޓަމެއް ހަދައި، 2019 ވަނަ އަހަރު އިފްތިތާހުކޮށް، ބޮޑެތި ހައިވޭތައްވެސް ހަދައި، ވަނީ ވަރަށް ފުރިހަމައަށްވެސް ތައްޔާރުވެފައެވެ.

ގަތަރުގެ ފުޓްބޯޅަ ދަނޑުތަކަށް ވަދެވޭ ގޮތަށް ހަދާފައިވާ ހަޔާ ކާޑު ހޯލްޑަރުންނަށް ނޮވެމްބަރު 10 އިން ޑިސެމްބަރު 23 އާ ދެމެދު ޕަބްލިކް ޓްރާންސްޕޯޓް ހިލޭ ލިބޭނެއެވެ.

ވޯލްޑް ކަޕަށް ގަތަރުން ވަނީ ސަލާމަތީ ކަންކަންވެސް ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައެވެ. މިގޮތުން، އެ ގައުމުން ވަނީ ގިނަ ގައުމުތަކަކާ އެކު ސެކިއުރިޓީ ކޯޕަރޭޝަން އެއްބަސްވުންތަކުގައި ސޮއިކޮށްފައެެވެ.

ތުރުކީންވެސް ގަތަރުގެ ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު ޕާކިސްތާނުން ވަނީ ގަތަރުގެ ކޮމާންޑްގެ ދަށުން ހަރަކާތްތެރިވާނެ ސިފައިން ފޮނުވައިފައެވެ. އަދި ބައިވެރިވާ ބައެއް ގައުމުތަކުން ދަނީ ފުލުހުންގެ ވަފުދުތައް ވެސް ފޮނުވަމުންނެވެ.

މިދިޔަ މަހު ގަތަރުގެ ސަލާމަތީ ބާރުތަކުން ވަނީ ސެކިއުރިޓީ ޕާޓްނަރުންނ އެކު އެ ގައުމުގެ އެކި ކަންކޮޅުތަކުގައި ފަސް ދުވަހުގެ ސެކިއުރިޓީ އެކްސަސައިޒެއް ކުރިއަށް ގެންގޮސްފައެވެ. ޕެނިންސޫލާ ޑެއިލީގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މި ޑްރިލްތަކަކީ ކުއްލި ހާލަތްތަކަށް ތައްޔާރުވުމުގެ މަގްސަދުގައި ކުރިއަށް ގެންދިޔަ ޑްރިލްތަކެކެވެ.

މުބާރާތުގެ ސެކިއުރިޓީ ކޮމެޓީން ބުނީ ”ވަތަން“ ގެ ނަމުން ނަންދީފައިވާ މި ތަމްރީނުތަކުގައި ސަރުކާރުގެ ސެކިއުރިޓީގެ 32،000 މީހުންނާއި ޕްރައިވެޓް ސެކިއުރިޓީ ސެކްޓާގެ 17،000 މީހުން ބައިވެރިވި ކަމަށެވެ.