ދިވެހި ސަރުކާރާއި އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާ ދެމެދު 1.5 ބިލިއަން ޑޮލަރުގެ ޓްރޭޑް ފައިނޭންސިން ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ގަވަރުނަރު ހަސަން ޒަރީރެވެ.

އައިޓީއެފްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަނުގެ ސީއީއޯ، އިންޖިނިއާ އަދީބު ޔޫސުފް އަލް-އާމާއެވެ.

ފިނޭންސް މިނިސްޓްރީން މައުލޫމާތުދިން ގޮތުގައި ފަސް އަހަރު ދުވަހުގެ މުއްދަތަށް އެކުލަވާލި މި އެއްބަސްވުން 2026 އިން 2031 އަށް ދެމިގެންދާނެއެވެ.

މި ފްރޭމްވޯކްގެ ދަށުން، ކާބޯތަކެއްޗާއި ޒަރޫރީ މުދާ އިމްޕޯޓްކުރުމަށާއި، ރާއްޖެއިން ބޭރުކުރާ މުދަލުގެ ވިޔަފާރި ފުޅާކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މީގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ޝަރުތު ހަމަވާ އަމިއްލަ ކުންފުނިތަކަށް ބޭންކުތައް މެދުވެރިކޮށް ޓްރޭޑް ފައިނޭންސިން ފެސިލިޓީތައް ހަމަޖެހިގެންދާނެއެވެ.

ވިޔަފާރިއާ ގުޅުންހުރި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ބައިނަލްއަގުވާމީ ބާޒާރުތަކަށް ރާއްޖޭގެ އުފެއްދުންތައް ނެރުމަށް ބޭނުންވާ ގާބިލުކަން އިތުރުކުރުމުގެ މަޝްރޫއުތައްވެސް މީގެ ތެރޭގައި ހިމެނޭ ކަމަށް ފިނޭންސުން ބުންޏެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަރީރު ވިދާޅުވި ގޮތުގައި، އައިޓީއެފްސީން ރާއްޖެއަށް ދެމުންދާ އެހީތެރިކަން ވަނީ ފުޅާވެފައެވެ.

ކުރިން ހަކަތައިގެ ދާއިރާއަށް އަމާޒުކޮށްދިން އެހީތެރިކަން މިހާރު ވިޔަފާރިއާއި ތަރައްގީގެ ދާއިރާތަކަށް ބަދަލުވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ ތެރޭގައި ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު އެތެރެކުރުމާއި، މަސްވެރިކަމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުން ހިމެނެއެވެ.

ހާއްސަކޮށް 2017 ވަނަ އަހަރުން ފެށިގެން އެސްޓީއޯއަށް ދެމުންދާ ފެސިލިޓީގެ ސަބަބުން ޒަރޫރީ މުދާ މެދުނުކެނޑި ގަތުމަށް މަގުފަހިވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އައިޓީއެފްސީގެ ސީއީއޯ އަދީބު އަލް-އާމާ ވިދާޅުވީ، މިއީ ގިނަ އަހަރުތަކެއްގެ ގާތް ގުޅުމުގެ ނަތީޖާ ކަމަށާއި، މީގެ ސަބަބުން ރާއްޖޭގެ ބޭންކުތަކާއި ޕްރައިވެޓް ސެކްޓަރާ އޮންނަ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށެވެ.

މިއީ 2019 އިން 2024 އަށް އޮތް ފުރަތަމަ ފަސް އަހަރުގެ އެއްބަސްވުން ނިމުމަކަށް އައުމާ ގުޅިގެން ސޮއިކުރި އާ އެއްބަސްވުމެކެވެ.