ސަރުކާރުން ރޭސް ނިންމާނީ ”ބަރަވެލި“ ދުވެލީގައި ކަމަށް ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޝިފާގު މުފީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ޝިފާގު މިހެން ވިދާޅުވެފައިވަނީ ޓޫރިޒަމް މިނިސްޓަރ ޑރ.މައުސޫމް ކުރެއްވި ޓްވީޓެއްގައި، މި ސަރުކާރަކީ ބާރު ދުވެލީގެ ސަރުކާރެއް ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ހަތަރު އަހަރު ވަރަށް ކާމިޔާބުކަން ފާހަގަކުރައްވައި މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ މުޅި މާޒީގައި ވެސް ސަރުކާރެއް ނުދުއްވާހާ ބާރަށް މި ސަރުކާރުން ފޯރީގައި، ފަސް ވަނަ އަހަރުގައި މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށެވެ. އެގޮތުން ދައުރުގެ ފަހު ދުވަސްތަކުގެ ރޭސް ވެސް ކާމިޔާބާކަމާ އެކީ ނިންމާނެ ކަމަށް ބެލެވޭ ކަމަށްވެސް މައުސޫމް ވިދާޅުވިއެވެ.

ޝިފާގު ވިދާޅުވީ، މައުސޫމަށް އެ ވިދާޅުވެވުނީ ”ކުށެއް“ ކަމަށާއި، މިއީ ބަރަވެލި ދުވެލީގެ ސަރުކާރެއް ކަމަށެވެ.

ޝިފާގު މިހެން ވިދާޅުވިއިރު، މި ސަރުކާރުން ހިންގަން ވައުދުވި މެގަ ޕްރޮޖެކްޓްތައް ކުރިއަށް ނުދާކަން އިދިކޮޅުން ފާހަގަކުރެއެވެ. އެގޮތުން ތިލަމާލެ ބްރިޖް މަޝްރޫއުގެ ދުވެލި ލަސްކަންވެސް ފާޑު ކިޔާ ފަރާތްތަކުން ދަނީ ފާހަގަ ކުރަމުންނެވެ.