ކ. ކާށިދޫ ސިއްހީ މަރުކަޒުގައި ފިޒިއޮތެރަޕީގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މިއީ ރާއްޖޭގެ ސިއްހީ މަރުކަޒުތަކުގެ ތެރެއިން މި ހިދުމަތް ތައާރަފު ކުރި ފުރަތަމަ ފަހަރެވެ.
މި ހިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ހެލްތު މިނިސްޓަރު ގީލާ އަލީއެވެ.
މި ހިދުމަތް ފަށްޓަވައިދެއްވުމަށްފަހު، މިނިސްޓަރު ވަނީ އެ މަރުކަޒުގައި ގާއިމުކޮށްފައިވާ ފިޒިއޮތެރަޕީ ޔުނިޓް ބައްލަވާލައްވައި، މުވައްޒަފުންނާ ބައްދަލުކުރައްވައި ހިދުމަތް ދިނުމުގައި ހުރި ދަތިތައް އޮޅުންފިލުއްވާފައެވެ.
އަދި ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ހިދުމަތް ފޯރުކޮށްދިނުމުގައި ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ ތެރެއިން މިއީ އެރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ މުހިންމު ހިދުމަތެއްކަން ފާހަގަކުރެއްވިއެވެ.
އަދި މި ހިދުމަތުގެ ސަބަބުން ހާއްސަކޮށް އިސްރަށްވެހިންނަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމިއްލަ ރަށުގައި ޢާއިލާގެ ގާތުގައި ތިބެގެން ފަރުވާ ހޯދުމުގެ ފުރުސަތު ފަހިވެ، ދުޅަހެޔޮކަމާއި ދިރިއުޅުމުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
24 ގަޑިއިރު ހިދުމަތް ދެމުން އަންނަ ކާށިދޫ ސިއްހީ މަރުކަޒަކީ ދުވާލަކު ގާތްގަނޑަކަށް 25 އާއި 30 އާ ދެމެދުގެ އަދަދަކަށް މީހުން ފަރުވާ ހޯދަމުން އަންނަ މަރުކަޒެކެވެ.
