ހުޅުމާލޭގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހަކު ޖޫރިމަނާކޮށް، އުޅަނދު ޓޯކޮށްފިއެވެ.
ފުލުހުން ބުނީ ރޭ 10:30 ހާއިރު، ހުޅުމާލެ ފޭސް 1 ގައި އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ސައިކަލު ދުއްވި މައްސަލައިގައި ފިޔަވަޅު އެޅީ އުމުރުން 20 އަހަރުގެ ފިރިހެނަކަށެވެ.
އޭނާ ނުރައްކާތެރިކޮށް ސައިކަލު ދުއްވާކަން ފާހަގަ ކުރެވުނީ އެ ވަގުތު ހުޅުމާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ބީޓަކަށް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
”އެގޮތުން، ކިނބިގަސްމަގު ފްލެޓް 12 ކައިރިން ދެކުނުން އުތުރަށް ދުއްވާފައި ދިޔައިރު، ސައިކަލުގެ ކުރީ ފުރޮޅު ހިއްލައިގެން ނުރައްކާތެރިކޮށް ދުއްވާފައިވާކަން ވަނީ ފާހަގަކުރެވިފައެވެ،“ ފުލުހުން ބުނެފައިވެއެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރަމުންގެންދާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން މިފަދަ ނުރައްކާތެރި އަމަލުތައް ހިންގާ ފަރާތްތަކާމެދު ފުލުހުން ދަނީ ހަރުކަށި ފިޔަވަޅު އަޅަމުންނެވެ.

