ގައުމެއް ދިރޭނީ އެ ގައުމެއްގެ ދަރިންނަށް ފެންވަރު ރަނގަޅު ތައުލީމާއި އިސްލާމީ މާތް އަހުލާގުގެ މައްޗަށް ބިނާވެފައިވާ ހަރުދަނާ ތަރުބިއްޔަތެއް ދަރީންނަށް ދެވިގެން ކަމުގައި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިހެން ވިދާޅުވީ، މާލޭ ސެންޓްރަލް ހޮޓެލްގައި މިރޭ ކުރިއަށްދިޔަ އެކްސެލް އިންޓަރނޭޝަނަލް ސްކޫލުގެ ޓީޗަރުންގެ އަގުވްޒަންކުރުމަށް ސެންޓްރަލް ހޮޓެލްގައި ބޭއްވި ހާއްސަ ހަފްލާ، ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
”މި ޤައުމަށް ބޭނުންވަނީ ތަޢުލީމާއި ތަރުބިއްޔަތު ލިބިފައިވާ، ތިމާގެ އަމިއްލަ ނަފުސަށާއި އެހެންމީހުންނަށް އިޙްތިރާމު ކުރުމާއި އޯގާވެރިވުންފަދަ ރިވެތި އާދަތައް އަށަގަނެވިފައިވާ ޖީލެއް. މިފަދަ ޖީލެއް ބިނާކުރުމުގައި އެންމެ އިސްދައުރެއް އަދާކުރެވޭނެ ބަޔަކީ ލޮބުވެތި މުދައްރިސުން.“ ހީނާ ވިދާޅުވިއެވެ.
ހީނާގެ ވާހަކަފުޅުގައި، ތުއްތު ދަރިންނަކީ އަޅުގަނޑުމެންގެ އުމު ދެކެ ލޯބިވާ، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނަށް ޙުރިމަތްތެރިކޮށްހިތާ، އަދި ޤައުމިއްޔަތު ނަގަހައްޓައި ދަމަހައްޓާނެ ދަރީންގެ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމުގައި ފާހަގަކޮށް އަކަމަށް މަސައްކަތް ކޮށްދެއްވުމަށް އިލްތިމާސް ކުރެއްވިއެވެ.
މި ޚާއްޞަ ހަފްލާގައި އެކްސެލް އިންޓަނޭޝަނަލް ސްކޫލްގެ ޓީޗަރުންގެ ވަނީ ތެރެއިން އެކި ގޮތް ގޮތުން ފާހަގަކޮށްލެވޭ ޓީޗަރުންނަށް އިނާމު އަރުވާފައެވެ.
އަދި ބެލެނިވެރިންގެ ފަރާތުން ޓީޗަރުންނަށް ޚާއްސަކޮށް ހުށަހެޅުމެއްވެސް ވަނީ ހުށަހަޅާފައެވެ.

