އީގަލް ހިލްސް ކުންފުނިން ރަސްމާލެ ތަަރައްގީކުރުމަށް ހިންގަން ތައްޔާރުވަމުންދާ މަޝްރޫއާ ގުޅޭގޮތުން އާއްމު ރައްޔިތުންގެ ވޯޓެއް ނަގައިފިނަމަ، ގިނަ ރައްޔިތުން އެ މަޝްރޫއު ހިންގުމާ ދެކޮޅު ހަދާނެ ކަމަށް ނޭޝަނަލް ޓެންޑަރ ބޯޑުގެ ކުރީގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
”މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ“ ގެ ނަމުގައި ރަސްމާލޭގައި ބޮޑު މަޝްރޫއެއް ހިންގަން ޔޫއޭއީގެ ރިއަލް އެސްޓޭޓްގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އީގަލް ހިލްސްއާ އެކު ސަރުކާރުން ވަނީ ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އެއީ 500 ހެކްޓަރުގެ ސަރަޙައްދެއްގައި 20 ބިލިއަން ޑޮލަރުގެ ”ވޯޓަ ފްރަންޓް އެންޑް މެރީނާ“ މަޝްރޫއެއް 10 އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން ތަރައްގީކުރުމަށް ވެފައިވާ އެއްބަސްވުމެކެވެ.
އަދި އެ މަޝްރޫއުގެ ދަށުން ދިރިއުޅޭނެ ގެދޮރާއި ހޮޓާތަކާއި ރިސޯޓުތަކާއި މެރީނާގެ އިތުރުން ފިހާރަތަކާއި އޮފީސްތަކާއި ތައުލީމީ އަދި ސިއްހީ ހިދުމަތްދޭ މަރުކަޒުތައް ގާއިމުކުރުމަށް ވަނީ ޕްލޭންކޮށްފައެވެ.
އީގަލް ހިލްސް އަކީ އިޒްރޭލާ ގާތް ގުޅުމެއް އޮންނަ ކުންފުންޏެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. ރަސްމާލެ ޕްރޮޖެކްޓާ ގުޅޭގޮތުން ”އެކްސް“ގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ޒަރިޔަންދު ވިދާޅުވީ، ރެފަރެންޑަމްއެއް ނަގައިފިނަމަ، ”ޒަޔަނިސްޓުންނަށް“ ރަސްމާލެ ވިއްކާލުމާ ގިނަ ބަޔަކު ދެކޮޅު ވާނެ ކަމަށެވެ.
އަދި އެ މަޝްރޫއު ހިންގުމަށް ތާއީދު ކުރާނީ ސަރުކާރުގެ ތެރެއިން، އެކަމަށް ރިޝްވަތު ނަންގަވައިގެން ތިއްބެވި މަދު ބައެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

ރަސްމާލެ މަޝްރޫއު ހިންގުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އަޑު އުފުލަމުން އަންނައިރު، މިއީ ދިވެހި ރައްޔިތުންގެ ޖީބަށް ޑޮލަރު ވަންނާނެ މުހިންމު މަޝްރޫއުއެއް ކަމަށް ސަރުކާރުގެ އިސްބޭފުޅުން ސިފަ ކުރައްވައެވެ.
އެގޮތުން ވާދަވެރިން މި މަޝްރޫއުއާ ދެކޮޅަށް ވާހަކަ ދައްކަމުންދަނީ، 20 ބިލިއަން ޑޮލަރުގެ މި މަޝްރޫއު ކާމިޔާބު ވެއްޖެނަމަ، އިދިކޮޅަށް ރައްޔިތުންގެ އެއްވެސް ތާއީދެއް ނުލިބޭނެތީ ކަމަށް ވެސް ސަރުކާރުގެ އިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ސަރުކާރުން ބުނެފައި ވަނީ، ރަސްމާލެ މަޝްރޫއުގެ ސަބަބުން، 10 އަހަރުގެ ތެރޭގައި ދައުލަތަށް 11 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކުރެވޭ ކަމުގައެވެ. އެއީ އަހަރަކު އެވްރެޖްކޮށް ގާތްގަނޑަކަށް 1.1 ބިލިއަން ޑޮލަރެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ދައުލަތުން އެއްވެސް ލޯނެއް ނުނަގާނެއެވެ. އަދި ސޮވެރިން ގެރެންޓީއެއް ވެސް ނުދޭނެއެވެ. މީގެ ސަބަބުން ދައުލަތަށް މާލީ އިލްތިޒާމެއް ނުއުފުލައި، ސީދާ އާމްދަނީ ލިބޭނެ މަގު ކަށަވަރުވެގެންދާނެއެވެ.

