މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ ސެޕްޓެމްބަރު މަހު އާމްދަނީގެ ގޮތުގައި 2.69 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 10.7 ޕަސެންޓް ދަށް އަދަދެއް ނަމަވެސް މި އަހަރުގެ ސެޕްޓެމްބަރު މަހު ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ 12.7 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާއިން ހާމަކުރި ގޮތުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާއި އަޅާބަލާއިރު މި އަހަރުގެ ސެޕްޓެމްބަރު މަހު ޖެނެރަލް ޖީއެސްޓީން ލިބުނު އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

އަންދާޒާކުރި ވަރަށްވުރެ އާމްދަނީ އިތުރުވި ސަބަބުތަކުގެ ތެރޭގައި އަންދާޒާ ކުރި ވަރަށްވުރެ ފަތުރުވެރިންގެ އަދަދު 18 ޕަސެންޓް އިތުރުވެ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީން ލިބުނު އާމްދަނީ އިތުރުވުން ހިމެނެއެވެ.

މީރާއަށް މި އަހަރުގެ ސެޕްޓެމްބަރު މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ.

އެ ގޮތުން ޖީއެސްޓީގެ ގޮތުގައި 1.25 ބިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ ޖުމްލަ އާމްދަނީގެ 46.8 ޕަސެންޓެވެ.

ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ބިމު ކުލިންނެވެ. އެއީ 15.8 ޕަސެންޓް ނުވަތަ 424 މިލިއަން ރުފިޔާއެވެ.

އިންކަމް ޓެކްސްގެ ގޮތުގައި 213 މިލިއަން ރުފިޔާ އަދި ގްރީން ޓެކްސްގެ ގޮތުގައި 202 މިލިއަން ރުފިޔާ މިދިޔަ ސެޕްޓެމްބަރު މަހު މީރާއަށް ލިބިފައިވެއެވެ.

މީގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 177 މިލިއަން ރުފިޔާ އަދި ޑިޕާޗާ ޓެކްސްގެ ގޮތުގައި 173 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.