ބައެއް މެމްބަރުން، އަންނަ އަހަރަށް ހުށަހެޅި ބަޖެޓަކީ، އުއްމީދީ ބަޖެޓެއް ކަމަށް ވިދާޅުވީ، ރަނގަޅަށް ގަނޑުތައްވެސް އުކާނުލައްވާ ކަމަށާއި، އުއްމީދީ ބަޖެޓެކޭ ކިޔަންވާނީ ކޮންމެވެސް ވަރަކަށް ހަގީގަތް ބައްލަވައިލެއްވުމަށްފަހުގައި ކަމަށް ރަައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އީވާ ވިދާޅުވީ ބައެއް މެމްބަރުން، ބަޖެޓު މަޖިލީހަށް ހުށަހެޅުއްވުމުގެ ކުރީންވެސް، އެ ބަޖެޓުގެ ރަނގަޅު ވާހަކަ ދައްކަވަން ފެށި ކަމަށެވެ.

”42 ބިލިއަންގެ ބޮޑު ބަޖެޓެކޭ ވިދާޅުވީމާ، (މެމްބަރުން) ވިދާޅުވީ، މިއީ އުއްމީދީ ބަޖެޓެކޭ، އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި މިހާރު 110 ޕަސެންޓަށް އަރައިފިއޭ ބުނީމާ ބުނީ، މިއީ އުއްމީދީ ބަޖެޓެކޭ. ޑެފިސިޓް އެގާރަ ހާހަށް އަރައިފިއޭ ބުނީމާ ބުނީ، އިއްޒަތްތެރި ރައީސް، މިއީ އުއްމީދީ ބަޖެޓެކޭ.“ އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ އުއްމީދޭ ކިޔައިގެން ދަރަނި، އަރަންޏަށް ވާނަމަ، އެންމެ ގިނައިން އުއްމީދޭ ވިދާޅުވާނެ މީހަކީ އޭނާ ކަމުގައެވެ. އޭނާ ވަނީ އުއްމީދޭ ކިޔައިގެން ރައްޔިތުން އެދޭ މަޝްރޫއުތަކެއްވެސް ކުރިއަށް ނުދާނެ ކަމަށް ވިދާޅުވެފައެވެ.

”އުއްމީދޭ ކީކީނުން ގޮސް، ގަލޮޅު އުތުރަށް ބޯހިޔާވަހިކަން ފޯރުކޮށް ދެވެންޏާ، އިއްޒަތްތެރި ރައީސް، ހަމަ އަސްލަށްވެސް ވަކި އަޅުގަނޑަށްވުރެ ބާރަށް އުއްމީދޭ ކިޔާނެ މީހަކު ނުވާނެ.“ އީވާ ވިދާޅުވިއެވެ.

އީވާ އިތުރަށް ވިދާޅުވީ އެމްއެމްއޭއިން ސަރުކާރުން ނެގި ފައިސާ އަނބުރާ ދައްކާފައި ނުވާއިރު، އެ ފައިސާ ދެއްކުމުގެ ޕްލޭނެއްވެސް ބަޖެޓުގައި ނެތް ކަމަށެވެ.